ޚަބަރު

ބީއެމްއެލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް


  • ރަސްމީކޮށް ތައާރަފްކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު

  • އައްޑޫގެ ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ

  • ސްވައިޕަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓް

ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާޙު ކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތަޢާރަފްކޮށްފިއެވެ.

އައްޑޫސިޓީ ހިތަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ތަޢާރަފް ކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. މި ވޮލެޓް ރަސްމީކޮށް އިފުތިތާޙުކޮށްފައިވަނީ ޖަރުމަނުގައި ކުރިއަށްދިޔަ އައިޓީބީ ބާލިންގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރާއްޖޭގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ސްވައިޕް ތައާރަފް ކޮށްފައިމިވަނީ އައްޑޫ ސިޓީއަށެވެ. މި ޚިދުމަތް އައްޑޫސިޓީއަށް ތައާރަފްކޮށްފައިވާއިރު، އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

މި ޚިދުމަތް އައްޑޫސިޓީގައި ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޑިޖިޓަލް އައު ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޒަމާނީ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެވޭނެ އެކި ޕްރޮގްރާމްތަކުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ބަވަނަވަމުން މިދާ ދުނިޔޭގައި، ޑިޖިޓަލް އިޤްތިސާދެއް ޤާއިމް ކުރުމަށް އޮތް އެންމެ މުހިންމު އެއްކަމަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ޤާއިމްކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން މި ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއް ކަމާއި އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ޤައުމީ ބެންކުގެ ހައިސިއްޔަތުން އެ ބެންކުގެ މެންޑޭޓަކީ މިފަދަ މާލީ ޚިދުމަތްތަކާއެކު ދިވެހި ރައްޔިތުންގެ އިޤްތިސާދީ އަދި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް އެހީތެރިވުން ކަމަށެވެ.

"ޤައުމީ ބޭންކުގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މެންޑޭޓަކީ މިފަދަ މާލީ ޚިދުމަތްތަކާއެކު ދިވެހި ރައްޔިތުންގެ އިޤްތިސާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެހީތެރިވުން. ޤައުމީ މަސްލަޙަތު އޮންނަ މުހިންމު ކަންތައްތަކަށް އިސްލާޙީ ބަދަލުތައް ގެންނަމުން އަންނަނީ، އެއީ ރައްޔިތުންގެ ފަރާތުން އަންނަ ބޭނުންތަކަށް ވާތީކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރައްވާނެ. ބޭންކުގެ ދައުރަކީ އެ ބޭނުމަށް އަމާޒުކޮށް، ވިޔަފާރީގެ ގޮތުން ދެމެހެއްޓެނިވި އަދި ޒިންމާދާރު ޕްރޮޑަކްޓްތައް ފަރުމާކުރާ މާލީ އިންޖީނެއްގެ ގޮތުގައި ހަރަކާތްތެރިވުން. އެހެންކަމުން، އަޅުގަނޑުމެން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ގެނައި ހެޔޮ ބަދަލުތަކަކީ، ޤައުމީ ފެންވަރުގެ ސިޔާސަތުން ފާހަގަކޮށްފައިވާ، މާކެޓުގެ ބޭނުންތަކަށާއި މުޖުތަމަޢުގެ މިހާރު މިއޮތް ހާލަތަށް ސީދާ އަމާޒުކޮށްގެން އެކަމަށް ޤައުމީ ބޭންކުގެ ހައިސިއްޔަތުންދޭ އިޖާބައެއް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ދިވެހިރާއްޖޭގައި ބައިނަލްއަޤުވާމީ ފަތުރުވެރިކަމެއް އޮންނައިރު، ފަތުރުވެރިންނަށް އަމާޒުކޮށް ސްވައިޕް ތައާރަފްކޮށްފައިވަނީ، ހަމަ އެފެންވަރުގެ ފައިނޭންޝަލް ޕްރޮޑަކްޓްތައް ރާއްޖޭގައި އޮތުން މުހިންމު ކަމަށްދެކޭތީ ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ސްވައިޕަކީ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ވޮލެޓް ކަމަށް ވިދާޅުވިއެވެ. ރާއްޖެ އަންނަ ފަތުރުވެރިން އެހެން ވޮލެޓުތަކާއި ކްރެޑިޓް ކާޑުތަކުން މިހާރު ފައިސާ ދައްކާއިރު، 2.5 އިންސައްތައިން މަތިން ކޮމިޝަން ނެގި ނަމަވެސް، ސްވައިޕް މެދުވެރިކޮށް ހަދާ މުއާމަލާތްތަކުން ނަގާނީ އެންމެ އިންސަތައެއް ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރެގެން ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ.

ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުން ކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގޭނެއެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއްވައެވެ.