ޚަބަރު

"ޣައްޒާގައި އަންހެނުންނަށް ދިރިއުޅެވޭނެ މާޙައުލެއް ނެތް"


ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ އަންހެނުނަށް ދިރިއުޅެވޭނެ މާޙައުލެއް ނެތް ކަމަށާއި، އެއީ ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ރާވައިގެން ކުރަމުންދާކަމެއް ކަމަށް ބައިނަލްއަޤުވާމީ ޙައްޤުތަކަށް ވަކާލުކުރާ ޖަމްޢިއްޔާ، އެމްނެސްޓީން ބުނެފިއެވެ.

އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި ގެދޮރު ދޫކުރުން މަޖުބޫރުކުރުވުމާއި ސިއްޙީ ފަރުވާގެ ނިޒާމު އެކީގައި ފުނޑައިލުމުގެ ސަބަބުން ޚާއްޞަކޮށް އަންހެނުންނަށް ވިހެއުމާއި އެ ނޫންވެސް ސިއްޙީ ފަރުވާއިން މަޙްރޫމުކޮށްފައިވާ ކަމަށެވެ.

ވަކިން ޚާއްޞަކޮށް، މާބަނޑު އަންހެންނުނާއި ކެންސަރު ފަދަ ދާޢިމީ ބަލިތަކަށް ފަރުވާ ނުލިބޭ އަންހެނުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަސާސީ މުދަލާއި ޒަރޫރީ ކަބޯތަކެތި ލިބުން ތާށިކުރުމުގެ އަޞަރު ވެސް ޣައްޒާގެ އަންހެނުންނަށް ކުރަމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޮކްޓޯބަރު 2023އިން ފެށިގެން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާއްމުގައި 72،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާއިން މެދުވެރިވެގެން، ޣައްޒާގައި ޙަމަލާތައް ނަމެއްގައި މެދުކަނޑާލާފައިވީނަމަވެސް، ޔަހޫދީން އަދިވެސް ދަނީ ހުއްޓުމެއްނެތި ޙަމަލާތައް ދެމުންނެވެ.

މިގޮތުން، ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން ވެސް، ޣައްޒާގައި 600އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީސް، އޯސީއެޗްއޭއިން ބުނީ، ޣައްޒާގައި ދުވާލަކު 180 އެއްހާ އަންހެނުން ވިހާއިރު، އެ މީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާ ދިނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

މިގޮތުން، ސިޒޭރިއަން ފަދަ އޮޕަރޭޝަންތައް ކުރުމަށްފަހުގައި ވެސް، އެކަށީގެންވާ މިންވަރަށް ހަސްފަތާލުގައި އެނދު ނެތުމުގެ ސަބަބުން، އަނބުރާ ވަގުތީ ހިޔާތަކަށް ފޮނުވައިލަންޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންފެކްޝަންތައް ޖެހުމުގެ ފުރުޞަތު ބޮޑުވެ، ފުރާނައަށް ނުރައްކާވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.