ޚަބަރު

"ޗައިނާގެ ހަރުދަނާ ސިޔާސަތުތަކުން ނަމޫނާ ލިބިގަންނަންޖެހޭ"


  • ޗައިނާގެ ތަރައްގީގެ ޕްލޭނާ ގުޅޭގޮތުން ޚިޔާލު ފާޅުކުރެއްވި

  • ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ އިޤްތިޞާދުތަކަށް ފައިދާކުރާނެކަމަށް ވިދާޅުވި

ޗައިނާއިން އެކުލަވާލާފައިވަނީ ވަރަށް ސާބިތު އަދި ހަރުދަނާ ސިޔާސަތުތަކެއް ކަމަށާއި، މިއީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކުން ނަމޫނާ ލިބިގަންނަންޖެހޭ ފަދަ ސިޔާސަތުތަކެއް ކަމަށް ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ، ޗައިނާގައި މިހާރު ކުރިއަށްދާ "ޓޫ ސެޝަންސް"ގައި ބައިވެރިވެ ޗައިނާގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ޗައިނާ ގްލޯބަލް ޓެލެވިޝަން ނެޓްވޯކް، ސީޖީޓީއެންއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު ވަނީ، ޗައިނާގެ 15 ވަނަ ފަސް އަހަރުގެ ޕްލޭނާއި މި އަހަރު ސަރުކާރުގެ މަސައްކަތްތަކުގެ ރިޕޯޓާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ނަޒަރިއްޔާތުން ޚިޔާލު ފާޅުކުރައްވާފައެވެ. އަދި ޗައިނާގެ ކުރިމަގުގެ ސަބަބުން ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ އިޤްތިޞާދުތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ސަފީރު ޑރ. ފަޒީލް ނަޖީބު ވިދާޅުވީ، ދުނިޔޭގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި ޗައިނާއިން ރޭވުންތައް ބައްޓަންކުރަނީ މުޅި ދުނިޔެއަށް ވަމުންދާ ގޮތްތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. މީގެ އިތުރުން، ޗައިނާއިން އެކުލަވާލާފައިވަނީ ވަރަށް ސާބިތު އަދި ހަރުދަނާ ސިޔާސަތުތަކެއް ކަމަށާއި، މިއީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ނަމޫނާ ލިބިގަންނަންޖެހޭ ފަދަ ސިޔާސަތުތަކެއް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ޗައިނާއިން މިގޮތުގައި ކުރިއަށް ދިއުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސަފީރު ފާހަގަކުރެއްވިއެވެ.

"ޓޫ ސެޝަންސް" އަކީ، ޗައިނާގެ ކަލަންޑަރުގައި ހިމެނޭ އެންމެ މުހިންމު އެއް ހަރަކާތްކަން ފާހަގަކުރައްވަމުން، މިދިޔަ އަހަރާއި މި އަހަރުވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށް ސަފީރު ވިދާޅުވިއެވެ. ބައްދަލުވުންތަކުގެ އިންތިޒާމުތަކާއި، ހުށަހެޅުނު ކަންކަމުގެ އިތުރުން ސަރުކާރުގެ މަސައްކަތްތައް ހުރި ގޮތާ މެދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ފެށި މި ބައްދަލުވުންތައް އާންމުގޮތެއްގައި އެއް ހަފުތާއާއި ދެ ހަފުތާއާ ދެމެދުގެ މުއްދަތަކަށް ކުރިއަށްދާނެއެވެ. މިއީ، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޗައިނާއިން ކުރިއަށް އޮތްތަނުގައި އިސްކަންދޭނެ ކަންކަން ހާމަވެގެންދާނެ މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ޒަޢާމަތުގައި ކުރިމަގަށް ރާވާފައިވާ ކަންތައްތަކާއި، އިޤްތިޞާދީ ކުރިއެރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ޙިއްސާކުރާނެއެވެ.

މީގެ އިތުރުން، ޗައިނާގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންތަކެއް މަޤާމުން ވަކިކުރުމާ ގުޅިގެން އުފެދިފައިވާ ސުވާލުތަކާއި، ކޮރަޕްޝަނާ ދެކޮޅަށް ރައީސް ޝީ ހިންގަވާ ކެމްޕޭނުގެ އަސަރުތައްވެސް މި ދުވަސްވަރުގެ މަޝްވަރާތަކުގެ ތެރެއިން ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ޗައިނާގެ މި ތަރައްޤީގެ ދަތުރަކީ ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް އިތުރު ފުރުސަތުތަކާއި ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުންވެސް ވިދާޅުވެއެވެ.