ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ޤަވާއިދެއް އެކުލަވާލުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ނިންމަވައިފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލީ ޒަކާތުގެ ޤާނޫނޫގެ ދަށުން 5 މަސްދުވަހުގެ ތެރޭގައި ޤަވައިދުތައް އެކުލަވާލަންޖެހެއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވީ ޒަކާތުގެ ޤާނޫނު އައުމުގެ ކުރިން ޒަކާތް ދައްކަންޖެހޭ މީހުންގެ މަޢުލޫމާތުތައް ބަލަހައްޓާފައި ނުވާކަމަށެވެ. ކުރިން ޒަކާތް ދެއްކުން އޮތީ ފަރުދީ ޒިންމާއެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް ޒަކާތުގެ ޤާނޫނުގެ ދަށުން ހެދުމަށް ނިންމާފައިވާ ޤަވާއިދުތަކާއެކު މިކަންކަމަށް ބަދަލު އަންނަނެކަމަށް އޭނާ ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ޒަކާތުގެ ޤާނޫނުގެ ދަށުން ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ޤަވާއިދެއް އެކުލަވާލާނެކަމަށެވެ. އެއާއެކު ޒަކާތް ދައްކާ މީހުން އިނގިގެންދާނެކަމަށާއި އެ ޤަވާއިދު ވަރަށް އަވަހަށް އެކުލަވާލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"5 މަސްދުވަހުގެ ތެރޭ ޤަވައިދުތައް އެކުލަވާލަން ޖެހޭ. ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދާ ޤަވާއިދު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެޒެތް ކުރެވޭނެ."ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވިއެވެ.
ޒަކާތް ދައްކަން ޖެހޭ މީހުން ރަޖިސްޓްރީވާގޮތަށް ޤަވާއިދު އެކުލަވާލާއިރު ޒަކާތު ހައުސްއިން އަންނަނީ ޒަކާތް ޙައްޤުވާ މީހުންގެ ދަފްތަރުވެސް އަދާހަމަކޮށް ބަލަހައްޓަމުންނެވެ. މިގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެމީހެއްގެ ހާލަތު އަންގައިދޭ ފޯމްއެއް ފުރިހަމަކުރުމަށްފަހު އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ހުށަހެޅޭނެއެވެ. ޒަކާތު ހައުސްއިން އަންނަނީ ކޮންމެ 2 އަހަރަކުން އެއްހަރު އެ ދަފްތަރުވެސް ރިވިއުކުރަމުންނެވެ. ރިވިއުކުރުމަށްފަހު އަލުން ފޯމް ހުށަހެޅުމަށް ހުޅުވާލުމުން ފޯމް ހުށަނާޅާނަމަ އެމީހަކު ފަޤީރުންގެ ލިސްޓުން އުނިވާނެއެވެ.
ޒަކާތުގެ ގޮތުގައި ނެރެނީ ފިތުރު ޒަކާތާއި މުދަލު ޒަކާތެވެ. ފިޠުރު ޒަކާތަކީ ރަމަޟާންމަހު ދައްކަންޖެހޭ އެއްޗަކަށްވާއިރު މުދަލު ޒަކާތް އަހަރުގެ އެހެން ދުވަސްތަކުގައި ދެއްކެއެވެ. ރާއްޖޭގެ ޒަކާތް ދައްކަ ނިސްބަތަށް ބަލާއިރު ފަހަކަށް އައިސް މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިދިޔަ މަަހު މުދަލު ޒަކާތުގެ ގޮތުގައި 11.8 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.