ޚަބަރު

ސްޓޭޓް ފާމަސޫޓިކަލްސްއިން ރާއްޖެއަށް ބޭސް އެތެރެކޮށް ސަޕްލައި ފަށައިފި


  • އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބޭސް ލިބޭނެ ހުންނަންޖެހޭ

  • ބޭހަށް ވަކި ޚާއްސަ ކުންފުންޏެއް އުފެއްދުމަކީ ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެއް

ބޭހުގެ މައްސަލަ ހައްލުކުރުމަށްޓަކައި އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލްސްއިން ރާއްޖެއަށް ބޭސް އެތެރެކޮށް ސަޕްލައި ކުރަން ފަށާފައިިވާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ޞިއްޙީ ވަޒީރު ވިދާޅުވީ އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންޖެހޭ ކަމަށެވެ. މި މަސައްކަތަށް މިހާތަނަށް ވަކި ޚާއްސަ ކުންފުންޏެއް ނެތުމުގެ ސަބަބުން ހުރި ދަތިތައް ނައްތާލައި ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްގީވަމުންދާ ގޮތަށް ބަލައި ސަރުކާރުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފެއްދެވުމަކީ ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޞިއްޙީ ވަޒީރު ވިދާޅުވީ އަސާސީ ބޭސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލިބެން ހުރިކަން ކަށަވަރު ކުރުމަށާއި އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފާމަސޫޓިކަލް ކުންފުނީގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

"އެ ކުންފުނީގެ މަސައްކަތްތައް ވަރަށް ގާތުން ބަލަމު މިދަނީ. މިހާރުވެސް އެ ކުންފުނިން ބައެއް ބޭސްތައް އެތެރެކޮށްގެން ސަޕްލައިކުރަން ފަށައިފި ރަށްރަށަށް. ޚާއްސަ ކުންފުންޏެއް މިހެން ހެދުމުގެ ނަތީޖާއަކަށްވެގެންދާނީ މުޅި މިނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ މިކަމަށްޓަކައި ފޯކަސް ކުރެވިގެން މަސައްކަތްކުރާނެ ބަޔަކު، މިސާލަކަށް އެ ކުންފުނީގެ ބޯޑު ފޯކަސްކުރާނީ މި މައްސަލައަށް ހައްލު ހޯދުމަށް،" ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވިއެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އެ ކުންފުނި އުފެއްދެވީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުންނެވެ. މިކުންފުންޏާއެކު ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މި ކުންފުނިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ މިފަދަ ހުރިހާ ވަޞީލަތްތަކެއް ފޯރުކޮށްދޭން ޖެހެއެވެ.