ޚަބަރު

މިފަހަރު އެންމެ ގިނަ ވޯޓުފޮށި ހެންވޭރު ދަނޑުގައި


  • މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބަހައްޓާނެ

  • މިފަހަރުގެ އިންތިޚާބުގައި ބަހައްޓާނީ ޖުމްލަ 588 ވޮޓު ފޮށި

އަންނަ މަހު 3 ކަމެއްގައި ރައްޔިތުންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާއިރު ވޯޓުލުމަށް ކަނޑައަޅާފައިވާ މަރުކަޒުތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. އެ ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި މި އިންތިޚާބުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓު ފޮށި ބަހައްޓާނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ މާލެ ސަރަހައްދުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމަށް ރީ-ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި ރާއްޖޭން ބޭރުގައި ދިވެހިން ދިރިއުޅޭ ޤައުމުތަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްރަށުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގަވާއިދުގައި ބުނާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ އެތަންތަނުގައި މިފަހަރު ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ ކޮމިޝަނުން މިފަހަރު ވޯޓު ފޮށިތައް ބަހައްޓާނީ މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ޖަލުތަކާއި ރިސޯޓުތަކުގައެވެ.

ޖުމްލަ 588 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު މާލެ ސަރަހައްދުގައި އެކަނި 241 ވޯޓުފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 180 ވޯޓު ފޮއްޓާއި ވިލިމާލޭގައި 9 ވޯޓު ފޮއްޓާއި ހުޅުމާލެ ޖަލުގައި ބަހައްޓާ ވޯޓުފޮށި ހިމެނޭހެން ހުޅުމާލޭގައި 51 ވޯޓު ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި މިފަހަރު އެންމެ ގިނަ ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމާފައިވަނީ ހެންވޭރު ދަނޑުގައި ގާއިމުކުރާ ޓެންޓުގައެވެ. އެ ޓެންޓުގައި 30 ވޯޓު ފޮށި ބަހައްޓާނެއެވެ. މިއީ މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަ ވޯޓުފޮށިތަކެވެ.

ޓެންޓުތަކުގެ އިތުރުން މިފަހަރުވެސް ސްކޫލްތަކުގައި ވޯޓުފޮށިތައް ބަހައްޓާނެއެވެ. އެގޮތުން، މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ 26 ސްކޫލެއްގައި ފޮށިތައް ބަހައްޓާއިރު އެންމެ ގިނަ ފޮށިތައް ބަހައްޓަނީ އަމީނިއްޔާ ސްކޫލުގައެވެ. އެސްކޫލުގައި 15 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު އެ ސްކޫލުގެ ގްރައުންޑް ފްލޯގެ އިތުރުން އެހެން ފްލޯތަކުގައިވެސް ވޯޓުފޮށި ބަހައްޓާފައި ހުންނާނެއެވެ. މިގޮތަށް ވޯޓުފޮށި ހުންނާނީ އަމީނިއްޔާ ސްކޫލުގައި އެކަނި ކަމަށާއި އެގޮތަށް ނިންމީ އެ ސްކޫލުގައި ލިފްޓް ހުރެފައި ވޯޓުލާންދާ މީހުންނަށް ދަތިތަކާ ކުރިމަތިނުވާނެތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

މިފަހަރުގެ އިންތިޚާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި 21 ރިސޯޓާއި 5 ޖަލެއްގައިވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާނީ އައްޑޫގައެވެ. އައްޑޫގައި 29 ފޮށި ބަހައްޓަން ނިންމާފައިވާއިރު ރ.އަތޮޅުގައި 25 ފޮށި އަދި ހއ.އަތޮޅުގައި 23 ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.

އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި މަޖިލީހުގެ ހިނގަމުންދާ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމާ ގުޅޭގޮތުން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެއީ 150،370 ފިރިހެނުންނަށާއި 144،506 އަންހެނުންނަށެވެ.

އެހެންކަމުން ކޮންމެ މީހަކުވެސް އެ މީހަކު ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ވޯޓުފޮއްޓާއި ވޯޓުލާންޖެހޭ މަރުކަޒުގެ މައުލޫމާތު ކުރިއާލައި ޔަގީންކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައެވެ. ވޯޓުލާންޖެހޭ ވޯޓުފޮއްޓާއި ފޮށި ބަހައްޓާފައިވާ މަރުކަޒުގެ މައުލޫމާތު VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެއެވެ.