މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓާލަންޖެހޭ ހިސާބަށް ނުދާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މި ހަނގުރާމައާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުން އެކުލަވާލާފަވާ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި ޙާލަތާ ގުޅިގެން ރާއްޖޭގެ މާލީ ޙާލަތަށް އަންނާނެ ބަދަލުތައް އަންދާޒާކުރުމުގެ މަސައްކަތްތައް ވަރަށް ގާތުން ކުރަމުންދާކަމަށެވެ.
އެގޮތުން އެމްއެމްއޭއާއި މާލީ ވުޒާރާއާއި މީރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަދި ކޮންމެ މަސައްކަތެއްވެސް ރާވަމުންދަނީ ރައްޔިތުންނަށް ދަތިތަކުގެ އަސަރު ވީހާވެސް ކުޑަވާނެގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ ޢުމްރާނީ މަސައްކަތްތަކަށްވެސް އަސަރު ނުކުރާނެކަމަށެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ޕްރޮޖެކްޓްތައް ހުއްޓާލާކަށް ނުޖެހޭނެ. މިނިސްޓްރީއިން މިދަނީ، މި ކަންކަމުގައި އެއްބާރުލުން ދޭންޖެހޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ ކަންކަމަށް މަގު ފަހިކޮށްދެމުން. އަދި އަޅަންޖެހޭނ ފިޔަވަޅުތައް އަޅަމުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ވަރަށް ރޭވުންތެރިކަމާއެކު މަސައްކަތްތައް ބައްޓަންކޮށްގެން ކުރިއަށްގެންދާކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް ބަދަލު އައިނަމަވެސް، މިހާތަނަށް އަސާސީ އެއްވެސް ޚިދުމަތަކަށް އޭގެ އަސަރު ކޮށްފައެއް ނުވެއެވެ. އެގޮތުން ކާބޯތަކެއްޗާއި އަދި ތަރައްޤީގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. އަދި ޙާލަތެއް ކުރިމަތިވާ ހިދުގައިވެސް، އޭގެ އަސަރު ރައްޔިތުންނަށް ވީހާވެސް ކުޑަވާނެގޮތަށް، ކަންކަން ރާވައި ދަނީ އެކުލަވާލަމުންނެވެ.