ޔަހޫދީންނާ ގުޅިގެން ފެބްރުއަރީ 28ވަނަ ދުވަހު އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޢުދުވާނު ކާމިޔާބުވެއްޖެކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނިކޮށް، މެދުއިރުމަތީގައި ތެޔޮ އުފުލާ އުޅަނދުތަކަށް ޢަމާޒުކޮށް އީރާނުން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އީރާނުން ދިން ޙަމަލާތަކެއްގައި އިރާޤުގެ ބަޞަރާގައި ބަނދަރުކޮށްފައިވާ ދެ އުޅަނދެއްގައި ރޯވެ ދަނީ އަނދަމުންނެވެ. އޭގެކުރިން، ގަލްފުގެ އިތުރު ތިން އުޅަނދަކަށް އީރާނުން ވަނީ ޙަމަލާތައް ޢަމާޒުކޮށްފައެވެ. އޭގެތެރެއިން ތައިލެންޑަށް ނިސްބަތްވާ އުޅަނދަކަށް ޙަމަލާދީފައިވަނީ، އީރާނުގެ އަސްކަރިއްޔާގެ އެންގުންތަކަށް ތަބާވާން ދެކޮޅު ހެދުމުންކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުންޏެވެ.
މީގެއިތުރުން، އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީގެ ކައިރިން ދަތުރުކުރަމުންދިޔަ އުޅަނދަކަށް ވެސް އީރާނުން ޙަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
އެމެރިކާ އާއި ޔަހޫދީންގެ ނިރުބަވެރި ޢުދުވާނުގައި އީރާނުގެ 2،000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އީރާނުން މެދުއިރުމަތީގެ އެކި ޤައުމުތަކަށް ދެމުންދާ ރައްދު ޙަމަލާތަކާ ގުޅިގެން، ކަނޑާއި ވައިގެ މަގުން މީހުންނާއި މުދާ އުފުލުމަށް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައެވެ.
އަދި ޢުދުވާނު ހުއްޓާލައި، އެމެރިކާ އާއި ޔަހޫދީން ފަހަތަށް ނުޖެހޭނަމަ، ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުން ކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ.
އެކަމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު މިންވަރަކަށް އުފުލި، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވެސް ވަނީ 100 އެމެރިކާ ޑޮލަރަށް ވުރެ މަތިވެފައެވެ.
އީރާން ޢަމާޒު ހިފާފައިވަނީ ތެލުގެ ސަޕްލައި ތާށިކޮށް، އިޤްތިޞާދީ ގޮތުން ދަތިކޮށްގެން އެމެރިކާ އާއި ޔަހޫދީން ފަހަތަށް ޖެއްސުމަށެވެ. މިގޮތުން، 200 ޑޮލަރާ ހަމައަށް ތެޔޮ ފީފާއެއްގެ އަގު އުފުލޭނެކަމަށް ބަލައިގެން ތިބުމަށް އީރާނުން ވަނީ އިންޒާރުދީފައެވެ.