ޚަބަރު

"ހަނގުރާމައަށް ރާއްޖެ ސަރަޙައްދު ބޭނުމެއް ނުކުރެވޭނެ"


  • ޤައުމުތަކުން އެކަމަށް އެދެމުންދިޔަނަމަވެސް ސަރުކާރުން ހުއްދައެއް ނުދޭނެ

އެއްވެސް ޤައުމަކަށް ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ނުދޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ހާލަތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ ފެންވަރުގައި އެކުލަވާލާފައިވާ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ކޮމެޓީގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވާ ގޮތް ހިއްސާކުރައްވާފައެވެ. އެގޮތުން ކޮމެޓީގެ އެންމެ އިސް މަޤްޞަދަކީ ރާއްޖޭގެ އަމާންކަމާއި އިޤްތިޞާދު ހިމާޔަތްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަނގުރާމައާއި ގުޅިގެން ޤައުމުތަކަށް ހަމަލާ ދިނުމަށް އެހީވުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރައްވާކަން ހާމަކޮށް ވަޒީރު ޑރ. ޚަލީލް ވަނީ އެކަމަށް ޤައުމުތަކުން އެދެމުން ދިޔަ ނަމަވެސް ރާއްޖެއިން އެކަން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ.

"ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ޤައުމަކަށް ހަމަލާ ދިނުމުގެ ބޭނުންކުރެވިފައި ނުވާނެކަމުގައި ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓްތައްވެސް ރިޖެކްޓް ކުރެވޭނެ ވާހަކަ ދަންނަވާލަން. އެއްވެސް ޤައުމަކަށް އެކަމުގެ ހުއްދައެއް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައެއް ނުދޭކަމުގައި ދަންނަވާލަން." ވަޒީރު ވިދާޅުވިއެވެ.

ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ސަރުކާރުން ނުދޭނެކަން ހާމަކޮށްފައިވާއިރު، ދާދި ފަހުން އެމެރިކާގެ އަސްކަރީ ބޯޓަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދުމަތް ދިން ކަމުގައި މީސްމީޑިއާގައި ދައުރުވިއެވެ.

މިމަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއީ އަސްކަރީ ބޯޓެއް ނޫންކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެ ބޯޓަކީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ހުއްދަ ހޯދައިގެން ރާއްޖެ އައި ބޯޓެއް ކަމަށާއި ސީޝެލްސްއިން ދަތުރުކޮށް ރާއްޖެއައި ބޯޓު ދެން ދަތުރުކުރީ ތައިލޭންޑަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ވައިގެ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެއްވެސް ބަޔަކަށް ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.