ރާއްޖޭގައި ބޭނުންކުރާ ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކުގައި ނަންބަރު ބޯޑަށް ބަދަލު ގެންނަން ސަރުކާރުން ނިންމައި ދާދި އަވަހަށް އެކަން ތަންފީޒުކުރާނެ ކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިކަން ހާމަކުރައްވާ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މިއީ މިފަދަ ބަދަލެއް ރާއްޖޭގައި ގެނެވޭ ފުރަތަމަ ފަހަރު ކަމަށެވެ.
އެގޮތުން ތިމާވެއްޓާއި ރައްޓެހި އުޅަނދުތައް ނޫނީ އިލެކްޓްރިކް ވެހިކަލްތަކުގައި ކުރިމަގުގައި ބޭނުންކުރާނީ ފެހިކުލައިގެ ބޯޑުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މިފަދަ އުޅަނދުތައް ފަސޭހައިން ދެނެގަނެވޭ ގޮތް ހެދުމަށް ގެނެވޭ ބަދަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ތިމާވެއްޓައި ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި އެއްގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް 29 ދެއްވާފައިވާ ޔަޤީންކަމާއި އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
Soon, for the first time in the Maldives, electric vehicles will carry green number plates, making them easily identifiable on our roads.
— Mohamed Ameen (@ameen3d) March 12, 2026
This initiative promotes cleaner mobility and supports President @MMuizzu climate commitments announced at COP29. pic.twitter.com/xugnHI86MU
ދަތުރުފަތުރާ ބެހޭ ވަޒީރު ވަނީ އަލަށް ތަޢާރަފް ކުރާ "އީވީ ޕްލޭޓްސް" ނުވަތަ ތިމަވެއްޓައި ރައްޓެހި އުޅަނދުތަކުގެ ނަންބަރު ބޯޑު ނަމޫނާއެއް މީސްމީޑިއާގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ތިމާވެއްޓާއި ރައްޓެހި ޓެކްސީ އުޅަނދުތަކުގައި ބޭނުންކުރަނީ ފެހި ކުލައިގެން ބޯޑެއްގައި ރީނދޫ ކުލައިގެ ލިއުމެވެ. އަމިއްލަ އުޅަނދުތަކުގައި ބޭނުންކުރަނީ ފެހި ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ ލިއުމެވެ.
މިވަގުތު ރާއްޖޭގައި ބޭނުންކުރަމުންދާ ނަންބަރު ބޯޑުތަކަށް ބަލާއިރު، އާންމުކޮށް އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކުގައި ބޭނުންކުރަނީ ކަޅުކުލައެވެ. ސިފައިންގެ އުޅަނދުތަކުގައި ހުދު ކުލައިގެ ބޯޑު ބޭނުންކުރާއިރު ޑިޕްލޮމެޓިކް އުޅަނދުތަކުގައި ބޭނުންކުރަނީ ނޫކުލައިގެ ބޯޑެވެ. އަދި ޓެކްސީތަކުގައި ބޭނުންކުރަނީ ރީނދޫ ކުލައެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފްކުރުމުގެ މަސައްކަތް ފަށައި ދާދި އަވަހަށް ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާއިރު މި ޓެކްސީ ލައިންގައި ބޭނުންކުރާނީ އިލެކްޓްރިކް އުޅަނދުތަކެވެ. ދަތުރުފަތުރާ ބެހޭ ވުޒާރައިން ވަނީ މި ޚިދުމަތް ދިނުމަށް 150 އުޅަނދު ރާއްޖެ އެތެރެކުރާނެކަން ހާމަކޮށްފައެވެ.