ކުޅިވަރު

އިންފަންޓީނޯ މައާފަށް އެދުނަސް، ސުވާލުތަކަށް ޖަވާބެއް ނުދެއްވި


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެ ޖަމިއްޔާގެ ކައުންސިލް ބައްދަލުވުމުގައި އޭނާގެ އަމަލުތަކަށް މައާފަށް އެދިވަޑައިގަތް ނަމަވެސް މެމްބަރުންގެ ސީރިއަސް ސުވާލުތަކަށް ޖަވާބު ނުދެއްވައި ނިންމަވާލައްވައިފިއެވެ.

މި ބައްދަލުވުމަކީ ފީފާގެ ތެރެއިން މުބާރާތްތައް ބާއްވާނެ ކުންފުންޏެއް ހަދައި އޭގެ ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ވިޔަފާރިވެރިންނަށް ވިއްކާލަން އަމިއްލަ އަމިއްލައަށް ރޭވި ޕްލޭނާހެދި އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށި ފަހުން ފީފާގެ އެންމެ މަތީ ކައުންސިލާ އިންފަންޓީނޯ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ފީފާ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ރައީސާއި ބައްރުތަކުގެ ފުޓްބޯޅަ ފެޑަރޭޝަންތަކުގެ އެންމެ އިސް ވެރިންނެވެ.

އިންފަންޓީނޯ ވަނީ މި ބައްދަލުވުން ފަށްޓަވައި ސިއްރު ސިއްރުން އަމިއްލަ މަސްލަހަތުގައި އޭނާ އަށް ކަންކަން ކުރެއްވުނީތީވެ އެކަމަށް ކައުންސިލްގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ފީފާގެ އެއް ނާއިބް ރައީސް އަދި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިޔާ ޑެބީ ހެވިޓް ވިދާޅުވީ ކައުންސިލްގެ ކަންބޮޑުވުން އޮތް އެއްވެސް ސުވާލަކަށް އިންފަންޓީނޯ ޖަވާބު ނުދެއްވާ ކަމަށެވެ.

މީގެ ތެރޭގައި ވިޔަފާރި ކުންފުނި ހަދައި އެ ކުންފުނީގެ ހިއްސާ 4.2 ބިލިއަން ޑޮލަރަށް ވިއްކާލަން މަސައްކަތް ކުރެއްވުމާއި ފީފާ ކައުންސިލާ މަޝްވަރާ ކުރުމެއްނެތި ފީފާ ސުލްހައިގެ އިނާމް އުފައްދަވައި އެ އިނާމް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެއްވުމާއި ޓްރަމްޕާ ގާތް ގުޅުމެއް ބާއްވައި އަޑި ނޭނގޭ ޑީލްތަކެއް ހައްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާގައި ޖުލައި މަހު ބޭއްވި ވޯލްޑް ކަޕުގެ ކުރިން އެ މުބާރާތާ ގުޅިގެން އިންފަންޓީނޯގެ އަށް 1.7 މިލިއަން ޑޮލަރު ލިބިފައިވާ މައްސަލަ އާއި ޓްރަމްޕް ޓަވަރުގައި ފީފާގެ އޮފީހެއް ހުޅުވުން ވެސް ހިމެނެ އެވެ.

"އޭނާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭ. އެދިވަޑައިގެންނެވީ ލިޔުމުން ހުށަހަޅަން. ފީފާގެ ރައީސަކީ މިފަދަ ކަންކަމަށް ޖަވާބު ދޭން ޖެހޭނެ މީހާ. އޭނާ އަށް މި ސުވާލުތަކަށް ޖަވާބު ނުދެވޭނަމަ އޭނާ ފީފާގެ ރައީސް ކަމަށް ކުފޫ ހަމަނުވޭ،" ހެވިޓް ވިދާޅުވި އެވެ.

މިކަންކަމާ ގުޅިގެން އިންފަންޓީނޯ މަގާމުން ވަކިކުރުމަށާއި އަންނަ މާޗު އޮންނަ އިންތިހާބު އޭނާ އަށް ކާމިޔާބު ވިޔަ ނުދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ޔޫރަޕާއި ކޮންކާކަޕް ސަރަހައްދެވެ. އަދި އޭޝިޔާގެ ގިނަ ގައުމުތައް ތިބީ ވެސް އޭނާއާ ދެކޮޅަށެވެ.

ކައުންސިލް ބައްދަލުވުމަށްފަހު ޖަރުމަނު ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ބާންޑް ނިއުއެންޑޯފް ވިދާޅުވީ "އެއްވެސް ކަމަކަށް އެދެވޭ ޖަވާބެއް ދީފައިނުވާ،" ކަމަށެވެ.

"އަހަރުމެން ބޭނުންވަނީ ނަޒާހަތްތެރި މީހެއް. އަހަރުމެން ފީފާ އަށް ބޭނުންވަނީ ފީފާގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރެވޭނެ މީހެއް. ހެދިފައިވާ ގޯސްތައް ރަނގަޅު ކުރާނެ މީހެއް. މިހާރު (އިންފަންޓީނޯ) އަށް އިތުބާރެއް ނެތް. އެއްވެސް ކަމަކަށް އޭނާ އެދެވޭ ޖަވާބެއް ނުދޭ،" ނިއުއެންޑޯފް ވިދާޅުވި އެވެ.