ކުރެވުނު ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއްކަމުގައި ދެކޭ ނަމަ އެ ޢަމަލުތައް ބާޠިލުވެދާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ!" އެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ ހެޔޮ ޢަމަލުތަކަކީ ނުބައިކަންތައް ފޮހެލާ ކައްފާރާއެއް ކަމަށެވެ. އެހެންކަމުން ރަމަޟާންމަސް އަހަރެމެންނާ އަލްވަދާޢުކީ ނަމަވެސް، ހެޔޮ ޢަމަލުކުރުމަކަށް ނިމުމެއް ނުގެނެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.
ޚުޠުބާގައި ވިދާޅުވީ އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫންކަމަށެވެ. މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެ ކަމަށާއި ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވާނެ ކަމަށެވެ. ރަމަޟާންމަހަކީ އެ ފަދަ މޫސުމެއް ކަމަށާއި އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްވެސް ޚުޠުބާގައި ގޮވާލިއެވެ.
ޚުޠުބާގައި ވިދާޅުވީ ހެޔޮ ޢަމަލެއްކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވައިތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުން ކަމަށެވެ.
"އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައްކުރުން މަތީގައި ދެމިތިބޭން ޖެހޭ. ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމަކުން، ސުވަރުގެ ޔަޤީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވަނީ ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރު ކުރުމަށް ގޮވާލާފައެވެ. އިސްތިޣުފާރު ކުރުމަކީ، ﷲގެ ހަޟުރަތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުމެވެ. އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވާ ފާފަފުއްސަވާ ރަސްކަލާނގެއެވެ.
ނިމިގެން މި ދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރި ގޮތާ މެދު ވިސްނުމަށާއި، ފަރުޟު ފަސްނަމާދަށް ރައްކާތެރިވީ ފަދައިން ރަމަޟާންމަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ. ޚުޠުބާގައި ވިދާޅުވީ ހެޔޮ ޢަމަލުކުރުމުގައި ހީވާގިވެ، ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިޔަށްދިޔުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.