އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅޭ ފަހު މެޗު މިރޭ ރާއްޖެ ގަޑިން ފަތިހު 4 ޖަހައިރު ބޮއިނިސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅޭނެއެވެ.
އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ބެނިން އާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގެ ކުރިން ނިމިގެންދިޔަ ވޯލްޑްކަޕާއިއެކު މެސީ ވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. އަދި ބެނިން މެޗަކީ އޭނާގެ ވަދާއީ މެޗަށް ހަދާ އެކަން އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުން އިއުލާން ކޮށްފައިވަނީ ދާދި ފަހުންނެވެ.
އުމުރުން 13 އަހަރުގައި ސްޕެއިންގެ ބާސެލޯނާއަށް މެސީ ބަދަލުވެފައިވަނީ މެސީގެ ހުނަރު އޭނާގެ ބައްޕައަށް ފާހަގަކުރެވި އޭރު އޭނާއަށް ކުރިމަތިވެފައިވާ ބޮޑުވުމުގެ މައްސަލައަށް ބޭސް ކޮށްދިނުމަށް ބާސެލޯނާއިން އެއްބަސްވުމުގެ ސަބަބުންނެވެ. އަދި ސްޕެއިންއިން ވަނީ އޭނާގެ މޮޅު ހުނަރާއިއެކު ސްޕެއިންގެ ގައުމީ ޓީމަށް މެސީ ލައްވާ ކުޅުވަންވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ހިޔާރުކުރީ އާޖެންޓީނާއެވެ.
މެސީ އެންމެ ފުރަތަމަ އާޖެންޓީނާގެ ގައުމީ ޓީމެއް ތަމްސީލުކޮށްފައިވަނީ 2004 ވަނަ އަހަރު 20 އަހަރުން ދަށުގެ ޓީމާއިއެކުގައެވެ. އަދި 2005 ވަނަ އަހަރުގެ 20 އަހަރުން ދަށުން ވޯލްޑްކަޕްގައި މެސީ ވަނީ އާޖެންޓީނާގެ ސްކޮޑުގައި ހިމެނިފައެވެ.
މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެފައިވަނީ 2005 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ހަންގޭރީ އާއި ދެކޮޅަށެވެ. އެ މެޗުން އާޖެންޓީނާވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ބާސެލޯނާގައި މެސީގެ ފަރާތުން ފެންނަ ކުޅުން ގައުމީ ޓީމުގައި ނުދެއްކޭކަމަށްބުނެ ގިނަބަޔަކު އޭރު މެސީއަށްވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް އެކަން ބަދަލުވެގެން ގޮސްފައިވަނި 2011 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގައި ކޮލަމްބިއާ އާއި ދެކޮޅަށް މެސީ ދެއްކި ކުޅުމާއިއެކުގައެވެ.
2016 ވަނަ އަހަރުގެ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗިލީ އަތުން އާޖެންޓީނާ ބަލިވި މެޗަށްފަހު މެސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. ނަމަވެސް އޭރު އޭނާއަށް ފާޑުކިއުމުގެ ބަދަލުގައި އެންމެން އެދެމުން ގޮސްފައިވަނީ އަލުން އަނބުރާ ގައުމީ ޓީމަށް ކުޅުމަށެވެ.
ގައުމީ ޓީމާއިއެކު މެސީގެ ރަން ދުވަސްވަރު އައިސްފައިވަނީ އެ ޓީމުގެ ކޯޗު ކަމާއި ލިއޮނެލް ސްކެލޯނީ ހަވާލުވުމަށްފަހުގައެވެ. މެސީ އާއިއެކު ގައުމީ ޓީމަށް ކުރިން ކުޅުނު ސްކެލޯނީ ވަނީ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް 2 ފަހަރު މަތިން އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑްކަޕްވެސް އާޖެންޓީނާއަށް ކާމިޔާބުކޮށްދީފައެވެ.
2022 ވަނަ އަހަރުގެ ވޯލްޑްކަޕް މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ހޯދުމާއިއެކު މެސީ ވެފައިވަނީ ފުޓްބޯޅައިގެ ތާރީޚުގައިވެސް އެންމެ "ޑެކަރޭޓެޑް" ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. 8 ފަހަރު މަތިން ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ އިތުރު ކުޅުންތެރިއަކު އަދިއެއް ނެތެވެ. އަޖެންޓީނާގެ ލެޖެންޑް ޑިއެގޯ މެރެޑޯނާއަށްފަހު މެސީވަނީ އޭނާގެ އަމިއްލަ ތާރީޚެއް ލިޔެފައެވެ.
މިރޭ ކުޅޭ މެސީގެ ވަދާއީ މެޗަށް 80 ހާހަށްވުރެ ގިނަ ޓިކެޓް ވިއްކާފައިވާއިރު މި ހުރިހާ ޓިކެޓެއް ވިއްކުމަށް ހޭދަވެގެން ގޮސްފައިވަނީ އެންމެ 4 މިނިޓުކަމަށް މީޑިޔާ ރިޕޯޓްތައްވަނީ ބުނެފައެވެ.