އަންނަ މަހު ބާއްވާ 3 އިންތިހާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއެވެ. އިންތިޚާބުގައި 3 ވޯޓެއް ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އެޕްރީލް 4 ވަނަ ދުވަހު ނަގާ 3 ވޯޓަށް އިދާރީގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް އެކޮމިޝަނުން ވަރަށް ބާރަށް ކުރަމުން އަންނަކަމަށެވެ. އަންނަ މަހު ބާއްވާ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ޒާހިދު ފާހަގަކުރެއްވިއެވެ.
ޒާހިދު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕުކުރުމުގެ ފުރަތަމަ މަރުހަލާގައި ކަރުދާސް ޗާޕުކޮށް، ކޮމިޝަންގެ ފަރާތުން ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކް ކުރަމުންދާކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށް އެކަރުދާސްކޮޅެއްގައި ދެ އިންތިޚާބުކަމަށް ވެއްޖެއްޔާ ކޮންމެ އިންތިޚާބެއްގައި އެދާއިރާއެއްގައި ކާކުތޯ ވޯޓުލަނީ ވޯޓު ލާންޖެހޭ ކެންޑިޑޭޓުންގެ ނަމާއި އެތަފްސީލުތަކާއި އެއްޗިސް، އެއިން ކަރުދާހެއްގައި ޗާޕުކުރުމުގެ ތެރޭގައި ވޯޓު ކަރުދާސް ބަތިލް ކުރަން ޖެހޭ ނުވަތަ އެހެންވެސް އެކަހަލަ ކަމެއް އެއްވެސް ކަހަލަ ޑިފޯލްޓެއް އުޅޭތޯ. ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށްކުރަމުން މިދަނީ." ޒާހިދު ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ ވޯޓުލާ ދުވަސް އައުމުގެ ކުރިން ވޯޓު ފޮށިތަކާއި ކަރުދާސްތައް އަދި އިދާރީގޮތުން ފޮނުވަން ޖެހޭ ތަކެތިވެސް ފޮނުވާ ނިމޭނެކަމަށެވެ. މިމަސައްކަތް ކުރުމަށްޓަކައި މިހާރު ތާވަލް ކުރެވިފައިކަމަށް ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ ވޯޓުލާ ދުވަހު ކޮންމެ މީހަކުވެސް ވޯޓުލާން 3 ކަރުދާސްކޮޅެއް ދެވިގެން ދާނެކަމަށެވެ. އެ 3 ކަރުދާސްކޮޅުވެސް ތަފާތު ވާނެކަމަށާއި 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވޯޓުލާން އަންނަ ކޮންމެ މީހަކުވެސް އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ދޭ އިރުޝާދުތަކަށް ރަނގަޅަށް އަމަލުކުރުން މުހިންމުކަމަށެވެ.
މިފަހަރު ތިންކަމަކަށް ވޯޓު ލާއިރު ކޮންމެ މީހަކަށްވެސް ކަރުދާސްކޮޅު ލެވެނީ ރަނގަޅު ފޮއްޓަށްތޯ ޔަޤީންކުރުމަށް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ. އިންތިޚާބުތަކަކީ ޑިމޮކްރަސީގައި މުހިންމު ދައުރެއް އަދާކުރާ ކަމަކަށްވުމުން، ކޮންމެ މީހަކަށްވެސް ޤާނޫނުން ލިބިދޭ ވޯޓުލުމުގެ ޙައްޤު ފުރިހަމަކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.