މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ސްކޫލް ޗުއްޓީއާ ދިމާވުމަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ފުރުޞަތެކެވެ.
ސްކޫލަށް ދިއުމުގެ ބުރަކަމެއް ނެތި، ގޭގައި ތިބެގެން ރޯދަ ހިފުމާއި އަޅުކަމުގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު މިވަނީ ފަހިވެފައެވެ. މި ދުވަސްވަރު ގޭގައި ތިބެގެން ރޯދަކުރު ކުރުމަށާއި، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
ރޯދަމަހަކީ އަޅުކަމުގެ މަހަށްވާއިރު، ޗުއްޓީގެ ވަގުތުތައް ދީނީ ކަންކަމަށް ހުސްކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތެއް ޤުރުއާން ކިޔެވުމަށް ޚާއްސަކުރެވިދާނެއެވެ.
އާއިލާގެ އެންމެން އެކުގައި ތިބެގެން ދީނީ ވާހަކަ ދެއްކުމާއި، ނަމާދުތައް ޖަމާއަތުގައި ކުރުމަކީ ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުވާނެ ކަމެކެވެ. މީގެ އިތުރުން ކުދިންނަށް ދީނީ ފޮތްތައް ކިޔައިދިނުމާއި، އިސްލާމީ ތާރީޚުގެ ވާހަކަތައް ކިޔައިދިނުމަކީ ރޯދަ ކުރުކުރުމަށް ކުރެވިދާނެ ވަރަށް ފައިދާހުރި ކަމެކެވެ.
ސްކޫލް ބަންދު ދުވަސްވަރުވުމުން، އައު ކަންތައްތަކެއް ދަސްކުރުމަށް މިއީ ރަނގަޅު ވަގުތެކެވެ. ގޭތެރޭގައި ތިބެގެން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ކުރެހުމާއި، ކުލަޖެއްސުމާއި، ނުވަތަ އަތްތެރި މަސައްކަތްތައް ހިމެނެއެވެ. އަދި ބެލެނިވެރިންނާއެކު ބަދިގޭގައި ކުދިކުދި އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ކުދިންނަށް އައު ކަންތައްތަކެއް ދަސްވާނެ ކަމެކެވެ.
މިސާލަކަށް ރޯދަ ވީއްލުމަށް ތައްޔާރުކުރާ ކާއެއްޗެހި ތައްޔާރުކުރުމުގައި ބައިވެރިވުމަކީ ކުދިން ވަރަށް ޝައުގުވެރިވާނެ ކަމެކެވެ.
ޗުއްޓީއާ ރޯދަމަސް ދިމާވުމުން އާއިލާގެ މެންބަރުންނާއެކު ހޭދަކުރެވޭ ވަގުތު އިތުރުވެގެންދެއެވެ. ގޭތެރޭގައި ކުޅެވޭނެ އެކި ކަހަލަ ބޯޑު ގޭމްތައް ކުޅުމާއި، އާއިލީ އަލްބަމްތައް ބަލައި މާޒީގެ ހަނދާންތައް އާކުރުމަކީ ގުޅުން ބަދަހިވާނެ ކަންކަމެވެ. މީގެ އިތުރުން، ގޭތެރެ ޒީނަތްތެރިކުރުމާއި، ރޯދަމަހަށް ހާއްސަކޮށް ގޭތެރެ ތަރުތީބުކުރުމުގައި އެންމެން ބައިވެރިވުމަކީ އުފާވެރި މާހައުލެއް ގާއިމުވާނެ ކަމެކެވެ.
ފޮތް ކިޔުމަކީ ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު އަރާމެކެވެ. ޗުއްޓީގެ ހުސްވަގުތުތަކުގައި ވާހަކަ ފޮތް ނުވަތަ މަޢުލޫމާތު މުއްސަނދި ފޮތްތައް ކިޔުމަށް ވަގުތު ހުސްކުރެވިދާނެއެވެ. މިއީ ހަމައެކަނި ވަގުތު ހޭދަކުރުމެއް ނޫނެވެ. މިއީ ކުދިންގެ ބަސްކޮށާރު މުއްސަނދިވެ، ދުނިޔެއަށް ލޯހުޅުވޭނެ ކަމެއްވެސް މެއެވެ. ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް 'ރީޑިންގް ޓައިމް' އެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ.
މިފަދަ ގޮތްގޮތަށް ވަގުތު ރޭވުމުން، ރޯދަމަހުގެ ދުވަސްތައް ފައިދާހުރި ގޮތެއްގައި ހޭދަވެގެންދާނެއެވެ. އަދި ސްކޫލް ޗުއްޓީއަކީ ހަމައެކަނި ނިދުމާއި ކުޅުމުގައި ހޭދަކުރާ ދުވަސްތަކެއްގެ ބަދަލުގައި، އާ ކަންތައްތަކެއް ދަސްވެ، އަޅުކަމުގައި ހިތްހަމަޖެހުން ލިބޭނެ ދުވަސްތަކަކަށް ވެގެންދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.