އައްޑޫ ސިޓީގައި ފެނަކަ ކޯޕަރޭޝަންގެ އިންޖީނިއަރިން ސްކޫލެއް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު މި މަސައްކަތް ކުރުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ، އައްޑޫ ސިޓީގައި އެ ކުންފުނީގެ ޓްރެއިނިންގ ސްކޫލެއް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ލިޔެކިޔުންތައް މިހާރު އައްޑޫ ސިޓީ ކައުންސިލާއި ހިއްސާކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢަކީ އެ ކުންފުނިން ވަރަށް ބޮޑަށް ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއެއްކަން ފާހަގަކުރައްވައި ނަޖާޙް ވިދާޅުވީ، ބިން ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"އައްޑޫ ސިޓީގައި އަޅުގަނޑުމެން ބޭނުން ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އަޅަން. ބިން ހަމަޖެހުނުހާ އަވަހަކަށް އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނަން. އެއިރުން ފެނަކައިގެ އެކިއެކި އޮފީސްތައް ހުންނަ ފަދައިން ޓްރެއިނިން ސްކޫލެއް އެޅުމާއި އެކީގައި ފެނަކައިގެ ހުރިހައި ޓެކްނިކަލް ޓްރެއިނިންގތަކެއް އެއީ ފެނާއި ނަރުދަމާއާ ރިލޭޓެޑްވިއަސް ނުވަތަ ކަރަންޓާއި ރިލޭޓެޑްވިއަސް ނުވަތަ ސޯލާއާއި ރިލޭޑެޓްވިއަސް މި ހުރިހައި ދާއިރާތަކެއްގެ ޓެކްނިކަލް ޓްރެއިނިންގ އަޅުގަނޑުމެން އައްޑޫ ޓްރެއިނިން ސްކޫލުން ދޭނެ." ނަޖާޙް ވިދާޅުވިއެވެ.
ނަޖާޙް ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ބޭރުގެ ކުންފުންޏަކާއި މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެ މީހުންގެ އޮތޮރައިޒްޑް ޓްރެއިނިން ލިބޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެހުމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މިތަނާއިއެކު ސްޓާފުންގެ ތަރައްޤީގެ މައި އެއް ހަބަކަށް ވެގެންދާނީ، އައްޑޫ ސިޓީގެ މި ޓްރެއިނިން ސްކޫލް ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެއާއިއެކު އައްޑޫ ސިޓީގައި ތިބި ފެނަކައިގެ މުވައްޒަފުންނަށް ތަމްރީންތައް ލިބި ޚިދުމަތުގެ ފެންވަރާއި، ޕްރޮޑަކްޓިވިޓީވެސް އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އައްޑޫ ސިޓީގެ އިތުރުންވެސް ހުރިހައި ރަށެއްގެ ޓެކްނިކަލް ޓީމްތައް މި ސްކޫލަށް ގެނެސްގެން ތަމްރީންކުރެވި އެ މުވައްޒަފުންނަށް ދޭންޖެހޭ ސެޓިފިކޭޝަނާއި ތަޖުރިބާވެސް މި ސްކޫލުން ދެވިގެންދާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.
އެ ކުންފުނިން ވިދާޅުވީ، ތަމްރީންތަކާއިއެކު ޖަނަރޭޓަރުތައް ހަލާކުވާ ހަލާކުވުންވެސް މަދު ކުރެވޭނެ ކަމަށެވެ. ހަމައެއާއިއެކު ހަލާކުވުމުން އިތުރު ސިސްޓަމެއް ގެނައުމަށް ދާ ޑައުންޓައިމްވެސް ކުޑަ ކުރެވިގެންދާނެ ކަމަށެވެ. މި ޕްލޭންއާއި އެއްގޮތަށް ގެންދެވިއްޖެނަމަ ކުންފުންޏަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.