ޚަބަރު

ފިޔޯރީ މަސް ބަންދުކުރާ ކާރުޚާނާ އަންނަ އަހަރު އޮޕަރޭޝަނަށް ގެންނަނީ


  • ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި

  • 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރާނެ

ގދ. ފިޔޯރީގައި ޤާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އެތަން އޮޕަރޭޝަނަށް ގެނައުމަކީ އަމާޒެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ގދ. ފިޔޯރީގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިދިޔަ މަހު ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ފިޔޯރީގެ މަސް ބަންދުކުރާ ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އެ ކާރުޚާނާ ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ބިންހިއްކާ ނިމެންވާއިރަށް ކާރުޚާނާ ތަރައްޤީ ކުރުމަށް އޮންނާނީ ތައްޔާރުވެފައި ކަމަށެވެ. އަދި އަމާޒަކީ، އަންނަ އަހަރުގެ ފަހުކޮޅު ޚާއްސަކޮށް މަސްވެރިންގެ ދުވަހަށް އެތަން އޮޕަރޭޝަނަށް ގެނައުން ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

" މަސްވެރިކަމުގެ އެއް ޕްރޮޖެކްޓް މިއީ. އެކަމަށް އިސްކަމެއް މި ދެނީ ކަޅުބިލަ މަހުގެ މަސްވެރިކަމުގެ އާބާދީއެއް އޮތީ އެ ސަރަޙައްދުގައި. %60 މަސް މި ބާނަނީ ދެކުނުގެ ސަރަޙައްދުތަކުން. އެ ސަރަހައްދުގެ މަސްވެރިންނަށް ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުއް މިއީ." މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވިއެވެ.

ފިޔޯރީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ، ސޭން ޕްރައިވެޓު ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން ކުރިން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ނިންމާފައި އޮތްނަމަވެސް މިހާރު އެރަށުގައި ޤާއިމްކުރަނީ 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދު ކުރެވޭ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢާއެކު ފިޔޯރީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރި އާޢިލާތަކަށް އުޖާލާ މުސްތަޤުބަލެއް ލިބުމާއެކު އިޤްތިޞާދީ ފުދުންތެރިކަމާއި ސަރަޙައްދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ ކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އަންނަނީ، މިދާއިރާއަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމާއި، ފަސޭހައިން އައިސް ލިބޭނެ އިންތިޒާމްތައް އަންނަނީ ހަމަޖައްސަމުންނެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަކީ، 9500 މެޓްރިކް ޓަނެވެ. އަދި އެއަދަދު 25000 ޓަނަށް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަން ކުރުމަށްޓަކައި މިހާރުވެސް 4 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.