ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ނިރުބަވެރި ޢުދުވާނުގެ ރައްދުގައި އީރާނުން ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާގެ ތެޔޮ އަޅައިދޭ އިތުރު ފަސް މަތިންދާބޯޓަށް ގެއްލުންލިބިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ނޫހުން އެމެރިކާގެ އަސްކަރީ ދެ އޮފިޝަލަކާ ޙަވާލާދީ ބުނެފައިވާ ގޮތުގައި، އެ ބޯޓުތަކަށް އީރާނުން ބޮން އަޅާފައިވަނީ، ސަޢުދީ އަރަބިއްޔާގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒުގައި ބާއްވާފައިވަނިކޮށެވެ.
އެ ޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވިނަމަވެސް، އެ މަތިންދާބޯޓުތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، އީރާނުގެ ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއަށް ލިބުނު ގެއްލުމުގެ އަގު ހަތަރު ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތިވެފައިވާ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ރޭގެ ވަގުތެއްގައި ދިން ޙަމަލާގައި އެ ފަސް މަތިންދާބޯޓަށް ލިބުނު ގެއްލުންތައް ނުހިމަނައެވެ.
ތުރުކީވިލާތުގެ އަނަދޫލޫ ނޫހުން އަންދާޒާކުރާ ގޮތުގައި، ފެބްރުއަރީ 28ގައި ފެށި ޢުދުވާނާ ގުޅިގެން އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ހިމާޔަތުގައި އީރާނުން ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއަށް ލިބުނު އަގު 3.84 ބިލިއަން ޑޮލަރަށް އަރައެވެ.
އޭގެތެރެއިން ދެ ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވަނީ، ސަޢުދީ ޢަރަބިއްޔާ، އުރުދުން އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީއޭ)ގައި ހަރުކޮށްފައިވާ މިސައިލް ޙަމަލާއިން ދިފާޢުގެ ނިޒާމަށް އީރާނުން ދިން ޙަމަލާތަކުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.
އަދި ޤަތަރުގެ އަލް އުދަޢިދު އަސްކަރީ ވައިގެ ބަނދަރުގައި ހުރި ރާޑަރަށް އީރާނުން ދިން ގެއްލުމުގެ އަގު 1.1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ. މީގެއިތުރުން، އިރާނުން ވަނީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ އެމެރިކާގެ ޑްރޯންތައް ވައްޓާލައިފައެވެ.
އަދި ކުވެއިތުގެ މަތިން ވައްޓައިލި ހަނގުރާމަމަތީ މަތިންދާބޯޓުގެ އަގު އިތުރު 282 މިލިއަން ޑޮލަރަށް އަރާއިރު، ވައިގެ ތެރެއިން ތެޔޮ އަޅާ އަސްކަރީ މަތިންދާބޯޓެއް ވައްޓައިލުމުން، އެމެރިކާގެ އަސްކަރިއްޔާއަށް 80 މިލިއަން ޑޮލަރުގެ ގެއްލުމާ ވަނީ ކުރިމަތިވެފައެވެ.
މީގެއިތުރުން ވެސް މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބިނާތަކަށް އީރާނުން ދެމުންދާ ޙަމަލާތަކުގެ ގެއްލުމުގެ އަގު އެތައް މިލިއަން ޑޮލަރަށް އަރާކަމަށް އެ ނޫހުން އަންދާޒާކޮށްފައިވެއެވެ.
މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާ ސިފައިންގެ އަށް މީހުން މަރުވެ، 140 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. އަދި، ޔަހޫދީންގެ 15 މީހަކު މަރުވެފައިވާއިރު، މުޅި މެދުއިރުމައްޗަށް ފުޅާވެފައިވާ މި ހަނގުރާމައިގައި ގަލްފުގެ އެހެން ޤައުމުތަކުން ވެސް 17 މީހަކު ވަނީ މަރުވެފައެވެ.
އެމެރިކާ އާއި ޔަހޫދީންގެ ޙަމަލާތަކުގައި އޭރު އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމުގައި ހުންނެވި އާޔަތުالله ޢަލީ ޚަމަނާއީ ޝަހީދުވުމާއެކު، އައު ރޫޙީ ވެރިޔާގެ މަޤާމަށް އީރާނުން މިހާރު ވަނީ އޭނާގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ޢައްޔަނުކޮށްފައެވެ.
މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުޚާތަބު ކުރައްވައި ނެރުއްވި ބަޔާނުގައި މުޖުތަބާ ވިދާޅުވީ އީރާނުގެ އަވަށްޓެރި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަަންދުކުރަން ޖެހޭ ކަމަށެވެ.