ޚަބަރު

އީރާނުގެ 50އަށްވުރެ ގިނަ އާސާރީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް


އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ދެމުންދާ ޙަމަލާތަކުގައި އީރާނުގެ 56 އާސާރީ އަދި ތަރިކައިގެ މުޙިންމު ބިނާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އެ ޤައުމުގެ ސަޤާފަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

ބޮޑެތި ގެއްލުންތައް ލިބިފައިވާ ތަންތަނުގެ ތެރޭގައި ދާރުލްއާސާރުތަކާއި ތާރީޚީ ބިނާތައް ހިމެނޭއިރު، އެންމެ ބޮޑަށް ގެއްލުންތައް ދީފައިވަނީ، ވެރިރަށް ތެހެރާނުގައި ހުރި ބިނާތަކަށް ކަމަށް އެ ވުޒާރާއިން ބުންޏެވެ. މިގޮތުން ތެހެރާނުގައި ހުރި 19 ބިނާއަކަށް ގެއްލުން ލިބިފައިވާއިރު، ކުރުދިސްތާނު ސަރަޙައްދުން އިތުރު 12 ތަނަކަށް ވަނީ ގެއްލުންތައް ލިބިފައެވެ.

ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި ތާރީޚީ "ގުލިސްތާން" ޕެލަސް އާއި ތެހްރާންގެ މަޝްޙޫރު ގްރޭންޑް ބާޒާރު ހިމެނެއެވެ. 16 ވަނަ ގަރުނުގެ ތާރީޚެއް އޮތް ގުލިސްތާން ޕެލަސްއަކީ ގާޖާރު ދަރިކޮޅުގެ ރަސްކަމުގެ ގަނޑުވަރާއި ދަރުބާރުގެ ގޮތުގައި ބޭނުންކުރި މުހިންމު ބިނާއެކެވެ.

ޙަމަލާތަކުގެ ސަބަބުން އުފެދުނު ގޮވުންތަކާއި ޝޮކްވޭވްތަކުގެ ސަބަބުން އެ ތަންތަނުގެ އޮނިގަނޑަށާއި ޒީނަތްތެރިކުރުމަށް ބޭނުންކޮށްފައިވާ ފަންނީ މަސައްކަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.

ފެބްރުއަރީ 28ވަނަ ދުވަހުން ފެށިގެން އީރާނަށް ދެމުންދާ ޙަމަލާތަކުގައި، އާސާރީ ބިނާތަކަށް ގެއްލުން ދެމުންދާތީ، އދގެ ތަޢުލީމާއި، ސައިންސާއި ސަގާފީ ތަރިކައާ ބެހޭ އިދާރާ (ޔުނެސްކޯ)އިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

އީރާނުން ވަނީ ސަގާފީ ބިނާތަކަށް އަމާޒުކޮށް ޙަމަލާދިނުން ހުއްޓުވަން މަސައްކަތް ކުރުމަށް ޔުނެސްކޯގެ ކިބައިން ރަސްމީކޮށް އެދިފައެވެ.

އަދި ޔުނެސްކޯގެ ތަޖުރިބާކާރުން ވަގުތުން އެ ޤައުމަށް ފޮނުވުމަށާއި އާސާރީ ތަންތަން އާބާތުރަފިލުވައި، އެ ތަންތަނުގެ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުމަށް އެދިފައެވެ. އަދި ދުނިޔޭގެ ތަރިކަ ހިމާޔަތްކުރުމުގެ ބައިނަލްޢަގްވާމީ ނިޒާމުތައް ހަރަކާތްތެރިކުރުމަށް އީރާނުން ވަނީ ގޮވާލާފައެވެ.