ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން އެ ދަރިފުޅަށް ވަގުތު ދޭން ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 9ވަނަ އިސްލާހު ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ.
މިއީ މި މަހުގެ 8ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި، އެނޫންވެސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ކަށަވަރުކޮށް އެ ޙައްޤުތައް ލިއްބައިދޭ މޭރުމުން، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށެވެ.
މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދޭން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ކުރިން ޤާނޫނުގައިވާ ގޮތުން ވަޒީފާގެ ވަގުތުން ދަރިފުޅަށް ވަގުތު ދެވޭނީ ދަރިފުޅަށް 1 އަހަރުވަންދެނެވެ.
ނަމަވެސް ޤާނޫނަށް ގެނައި އިސްލާހުގައިވާގޮތުން ވިހެއުމަށްފަހު ލިބޭ ޗުއްޓީއަށްފަހު މުވައްޒަފު އަނބުރާ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ދުވަސް ވަންދެން އެ ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ވަގުތު ދޭން ޖެހޭނެއެވެ. އެގޮތުން، މުސާރައިން ނުކެނޑޭގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެފަހަރު ދޭން ޖެހޭނެކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގައި ވަޒީފާއިން ވަކިކުރުމުގައި ދޭންޖެހޭ މުއްދަތަށް އިސްލާހު ގެނައުމަށް ހުށަހެޅިއެވެ. އެގޮތުން، މިހާރު ޤާނޫނުގައި 6 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި ހުރި މުވައްޒަފަކު ވަކިކުރާނަމަ ދެ ހަފުތާގެ މުއްދަތެއް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާއިރު އިސްލާހުގައި 1 އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގައި އުޅޭ ކޮންމެ މުވައްޒަފަކަށް 2 ހަފުތާގެ ނޯޓިސް ދޭންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ބައެއް ބާވަތްތަކުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންދާގޮތަށްވެސް ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ. މިފަދަ އިސްތިސްނާއެއް ދެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އައު ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ އިތުރުން ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށްކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގެ ދަށުން ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.