ޚަބަރު

"ޔަހޫދީންގެ ސަބަބުން ސަރަޙައްދީ ހަލަބޮލިކަން ދަނީ އިތުރުވަމުން"


ޔަހޫދީންގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގެއްލިފައިވާ ކަމަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު، ހާކަން ފީޑަން ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައި މި ވަނީ ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނިކޮށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ފިދާން ވިދާޅުވީ އެމެރިކާއިން އީރާނަށް ދޭން ފެށި ޙަމަލާތަކުގެ ސަބަބުން އުފެދިފައިވާ ސަރަޙައްދީ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެމެރިކާއާއި އީރާނުން މަޝްވަރާގެ މޭޒުގެ ދޮަށަށް އެނބުރި ދާން ޖެހޭ ކަމަށެވެ. ވީ އެންމެ އަވަހަކަށް ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި، ހަނގުރާމަ އިތުރަށް ފެތުރުމާމެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފީޑަން ވިދާޅުވީ ތުރުކީވިލާތުގެ ވައިގެ ދިފާޢީ ނިޒާމުން އެ ޤައުމަށް އަމާޒުކޮށް ދިނުމަށް މަސައްކަތްކޮށްފައިވާ މިސައިލް ޙަމަލާއެއް ހުއްޓުވާފައިވާ ކަމަށެވެ. އަދި ތުރުކީވިލާތާއި އީރާނުން މުއާމަލާތު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މުޅި ސަރަޙައްދު ހަމަނުޖެހުމުގެ ތެރެއަށް ގެންދަނީ ޔަހޫދީން ކަމަށާއި، ޙަމަލާތައް ދެމުންދާހާ ހިނދަކު ދެ ފަރާތުން ވެސް ރައްދު ޙަމަލާތައް އަބަދު ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަނގުރާމައިގެ ތެރެއަށް ތުރުކީވިލާތު ވަނުމަށް ހިތްވަރު ލިބޭ ގޮތަށް ކުރާ އެއްވެސް އަމަލަކަށް އެ ޤައުމުން ރައްދު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފީޑަން ވަނީ ޔަހޫދީން މަސްޖިދުލް އަޤްޞާ ބަންދުކޮށްފައި އޮންނަ އޮތުމާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ އެ މުޤައްދަސް މިސްކިތުގައި އަޅުކަންކުރަން ހުރަސްއެޅުމުގެ ސަބަބުން ސަރަޙައްދު އިތުރަށް ހަލަބޮލިވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތަކަށް އިޝާރާތްކުރައްވައި ފީޑަން ވިދާޅުވީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބޭނުން ވަނީ ލުބުނާނުގައި ލޭ އޮހޮރުވުން ހިންގައި، އެ ޤައުމުގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ކަމަށެވެ. ޔަހޫދީން އެ ކަން ހާޞިލް ކުރުމަށް މަސައްކަތް ކުރަނީ ހިޒްބުاللهއާ ކުރިމަތިލުމުގެ ނަމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުން މިހާތަނަށް 826 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 65 އަންހެނުންނާއި 106 ކުޑަކުދިން ހިމެނެއެވެ. ޙަމަލާތަކުގައި 2.000އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައި ވެސް ވެއެވެ. ޙަމަލާ ދީފައިވާ ސަރަޙައްދުތައް ސާފުކުރަމުންދާ ވަރަކަށް އިތުރު ހަށިތައް ފެނި، ޝަހީދުވި މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ލުބުނާނުގެ އިދާރާތަކުން ބުނެއެވެ.

ޔަހޫދީން އަދި ވެސް ދަނީ ލުބުނާނަށް ހުއްޓުމެއް ނެތި ޙަމަލާތައް ދެމުންނެވެ. ޙަމަލާތަކުގެ ސަބަބުންނާއި ސަލާމަތީ އިންޒާރުތަކުގެ ސަބަބުން ލުބުނާނުގެ ފަސް ހަސްފަތާލެއް ވަނީ ބަންދުކޮށްފައެވެ.