އެމެރިކާއާއި ޞަހްޔޫނީ ދައުލަތުން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ޙަޤީޤަތް ހާމަކުރާ މީޑިއާތަކުގެ ލައިސަންސް ބާޠިލުކުރާނެ ކަމުގެ އިންޒާރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދީފިއެވެ. ފެޑަރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ)ގެ ޗެއާމަން ބްރެންޑަން ކާރް ވިދާޅުވީ، ޤައުމީ މަޞްލަޙަތާ ޚިލާފަށް "ދޮގު ޚަބަރު" ފަތުރާ ބްރޯޑްކާސްޓަރުންނަށް ލައިސަންސް އައުކުރުމުގައި ހުރަސްތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. މިއީ، ސަރުކާރުގެ ސިޔާސަތުތަކަށް ތާޢީދުނުކުރާ ނޫސްވެރިކަން ހުއްޓުވުމަށް ދިން ސީދާ އިންޒާރެއްގެ ގޮތުގައި މިނިވަން މީޑިއާ އިދާރާތަކުން ސިފަކުރިއެވެ.
މީޑިއާތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެފްސީސީން ދީފައި މި ވަނީ ޓްރަމްޕް ވެސް މީޑިއާތަކަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި، ހަނގުރާމައިގައި އެމެރިކާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމަށް ބައެއް މީޑިއާތަކުން އެދޭ ކަމުގައި ވިދާޅުވެ، އޭނާ ތުހުމަތު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕްގެ ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު ވެސް ވަނީ މީޑިއާތަކަށް އިންޒާރު ދެއްވާފައެވެ. އަދި، ޤައުމީ ލޯބި އިސްކުރުމަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ، މީޑިއާތަކުން ރިޕޯޓު ކުރަން ޖެހޭނީ ހަނގުރާމައިގައި އެމެރިކާއަށް ލިބެމުންދާ ގެއްލުންތަކާއި ނާކާމިޔާބީތައް ނޫން ކަމުގައެވެ. އަދި، މީޑިއާތަކުން އިސްކަން ދޭން ޖެހޭނީ، ހަނގުރާމައިގައި އީރާން ބަލިކަށިވަމުންދާ ކަން ޢާންމު ރައްޔިތުންނަށް ވިސްނައިދިނުމަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އޭނާ އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒު ކުރައްވާފައި ވަނީ ސީއެންއެންއަށެވެ.
އެމެރިކާއާއި ޔަހޫދީން ފެށި މި ހަނގުރާމައަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޢުދުވާނެއް ކަމުގައި ޤާނޫނީ މާހިރުން ބުނަމުންދާއިރު، އެމެރިކާގެ ގިނަ ރައްޔިތުން ވެސް މި ހަނގުރާމައާ ދެކޮޅެވެ. ނަމަވެސް، ޓްރަމްޕް ގެންދަވަނީ ހަނގުރާމައިގައި ކާމިޔާބީ ލިބިފައިވާ ކަމުގައި ވިދާޅުވެ، އެމެރިކާގެ އަސްކަރިއްޔާއަށް ލިބެމުންދާ ޙަޤީޤީ ގެއްލުންތައް ފޮރުވުމަށް މީޑިއާތަކަށް ބިރުދައްކަވަމުންނެވެ. އަދި، އެފްސީސީގެ ވެރިޔާގެ އިންޒާރުތަކާ އެކު އެމެރިކާގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.