އީރާންގެ ވަރުގަދަ މިސައިލް ޙަމަލާއެއްގައި ޔަހޫދީ ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ މަރުވެފައިވާ ކަމުގެ އަޑުތައް ފެތުރުމާ އެކު، އެ ކަން ދޮގު ކުރުމުގެ ގޮތުން ވީޑިއޯއެއް ކުޅެ، ދުނިޔޭގައި ހުރިކަން ހާމަކޮށްދިނުމަށް އޭނާގެ އެކްޓުކުރުމުގެ ހުނަރުތައް ދައްކައިލައިފިއެވެ. ޤުދުސްގެ ރަށްބޭރުގައި ހުރި ކެފޭއެއްގައި ކުޅެފައިވާ މަންޒަރުތަކުން ފެންނަނީ އެ ތަނަށް ގޮސް ނަތަންޔާހޫ ކޮފީއަކަށް އޯޑަރު ކުރާ މަންޒަރެވެ. އަދި، އޭނާގެ މަރާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދޭ މަންޒަރެވެ. އީރާންގެ ޙަމަލާއެއްގައި އޭނާ މަރުވެފައިވާ ކަމަށް ފުރަތަމަ ތުހުމަތު ކޮށްފައި ވަނީ އީރާންގެ ދައުލަތުގެ މީޑިޔާއިން ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޞަހްޔޫނީ ދައުލަތް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، މިއީ މިފަދަ ގޮތަކަށް ނަތަންޔާހޫ ޢާންމުންގެ ތެރެއިން ފެނިގެންދިޔަ މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ. ބައެއް ނޫސް އޭޖެންސީތަކުން ވަނީ ނަތަންޔާހޫގެ އެކްޓުކުރުމުގެ ހުނަރުތައް ދައްކުވައިދޭ ވީޑިއޯގެ ޞައްޙަކަން ކަށަވަރުކޮށްފައެވެ. ނަމަވެސް، ޔަހޫދީ ދައުލަތުގެ ދިފާޢީ ނިޒާމުތަކަށް ނުހުއްޓުވޭ ފަދަ ހަލުވި ދުވެލީގެ ހައިޕަރސޮނިކް މިސައިލްތައް ބޭނުންކޮށްގެން އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ސަބަބުން، މުޅި ޞަހްޔޫނީ ދައުލަތް އަދިވެސް އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
އީރާންގެ ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކުގެ ކުރިމަތީގައި އެމެރިކާއާއި ޔަހޫދީންގެ އެންމެ ޒަމާނީ ދިފާޢީ ޓެކްނޮލޮޖީ ވެސް ދަނީ ނާކާމިޔާބުވަމުންނެވެ. އީރާންގެ ވަރުގަދަ ޙަމަލާތަކުގައި މިހާތަނަށް މަދުވެގެން 15 ޔަހޫދީން މަރައިލައި، 3,138 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. މީގެ ތެރޭގައި ޔަހޫދީން ވެރިވެގަނެފައިވާ ޢަރަބިންގެ ބިމެއް ކަމުގައިވާ ބަޔިތު ޝިމަޝަށް މާރިޗު 1 ވަނަ ދުވަހު ދިން ވަރުގަދަ ޙަމަލާއެއްގައި މަރުވި ނުވަ މީހުން ހިމެނެއެވެ. އިރާންގެ ޙަމަލާތަކުގެ އިންޒާރުގެ ރަނގަބީލާ އެކު، ޔަހޫދީ ދިފާޢީ ވުޒާރާއިން ދަނީ ބިންގަރާސްތަކަށް ވަދެ، ޙިމާޔަތް ހޯދުމަށް ޔަހޫދީ ޢާންމުންނަށް އިރުޝާދު ދެމުންނެވެ. ނަމަވެސް، އީރާނުގެ ޙަމަލާތަކުގައި ބައެއް ބިންގަރާސްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިހާރުގެ މަސްރަޙު އޮތްގޮތުން، އީރާނުގެ ވަރުގަދަ ޙަމަލާތަކުން ސަލާމަތްވެވޭނެ އެއްވެސް އަމާންތަނެއް ޔަހޫދީ ދައުލަތުގެ އެއްވެސް ރައްޔިތަކަށް ނެތެވެ.