އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ މިނިވަން ވިޔަފާރި އެއްބަސްވުމުގެ، ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރްގައި އިންޑިއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާކަމަށް އިންޑިއާގެ ކޮމާސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިންޑިއާއާއި ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއެއްބަސްވުމުގެ މަޝްވަރާތައް ދެ ޤައުމު ދެމެދު ފެށި އެއްބަސްވުމަކަށް ދިއުމަށް ބޭނުންވާ ޓާރމްސް އޮފް ރިފަރެންސްގައި މިހާރު ސޮއިކޮށްފައިވާ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސްއިން އެ ޤައުމުގެ މީޑިއާތަކާއި ހޯމަ ދުވަހު ވަނީ ހިއްސާކޮށްފައެވެ. ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރް އަކީ ފުރިހަމަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ. އިންޑިއާގެ ކޮމާސް މިނިސްޓްރީން ވަނީ ރާއްޖެއާއެކު ސޮއިކުރަނީ ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވުޒާރާއިން ވިދާޅުވީ، އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޤްޞަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ޤާއިމުކުރުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރުވުމާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށާއި، މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ހަމަމިއާއެކު، އެފްޓީއޭގެ މަޝްވަރާތަކަށް އިތުރު ބާރެއް ލިބިގެންދާނީ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް ޔޫޕީއައިއާއި، ލޯކަލް ކަރަންސީ ސެޓްލްމަންޓް މެކޭނިޒަމް ހަރުދަނާކުރުން ފަދަ ވިޔަފާރި ފަސޭހަކުރުމުގެ ފިޔަވަޅުތަކުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އިންޑިއާ-ރާއްޖެ އެފްޓީއޭގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ ޗައިނާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ޢަމަލުކުރަން ފަށާފައެވެ. އަދި ތުރުކީއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް ނުވަތަ ވަކި ބާވަތްތަކުން ލުއި ލިބޭ އެއްބަސްވުމެއްގައި ތުރުކީވިލާތާއެކު ރާއްޖެއިންވަނީ ސޮއިކޮށްފައެވެ.