ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ ފަހު މުބާރާތް ކޮންޕެނީ ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ޕާލް ލޮޖިސްޓިކްސް އިން ހޯދައިފިއެވެ.
ޕާލް ޗެމްޕިއަންކަން ހޯދީ މުބާރާތުގެ ފައިނަލުގައި ސިޓީ އިންވެސްޓްމެންޓްއާ ވާދަކޮށް 9 ވިކެޓުން މެޗު ކާމިޔާބުކޮއްގެންނެވެ. ގުރުދިމާވުމުން ޕާލް ޓީމުން ގަސްތުކުރީ ހޮވުމަށެވެ. އެގޮތުން ފުރަތަމަ ސިޓީ ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅއިން 47 ލަނޑު ހެދި ޝެރާޒް އިގްބާލްއެވެ.
ޖަވާބުގައި ޕާލް ޓީމުން ކުޅެންއަރާ 7.2 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން 128 ލަނޑުހަދާ މެޗު މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 35 ލަނޑު ހެދި އަމީލާ ރަނަސިންގްހައެވެ.
ކުރިކެޓުގެ އެންމެ ޒަމާންވީ އެއް ހަރަކާތް ކަމަށްވާ ރަމަޟާން ކުރިކެޓް ކާނިވަލުގެ މިއަހަރު އޯޕަން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިނޮޅުންނެވެ. އޮފީސް މުބާރާތް ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކުލަބުންނެވެ.