އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިއަންކަން ސެނެގާލް އަތުން ނެގުމަށްފަހު މޮރޮކޯ އަށް ދީފި އެވެ.
އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާ, ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ސެނެގާލް އަތުން ޗެމްޕިއަންކަން ނަގާފައިވަނީ މިދިޔަ ޖެނުއަރީ މަހު މޮރޮކޯގައި ކުޅުނު ފައިނަލް މެޗުގައި ސެނެގާލްގެ ކުޅުންތެރިން މެޗު ނުކުޅެ ދަނޑުން ފޭބި މައްސަލަ ބެލުމަށްފަހުގަ އެވެ. ފައިނަލް މެޗުން 1-0 ގެ ނަތީޖާއަކުން ސެނެގާލް ވަނީ މޮރޮކޯ ބަލިކޮށްފަ އެވެ.
ސެނެގާލްގެ ކުޅުންތެރިން މެޗު ނުކުޅެ ދަނޑުން ފައިބާފައިވަނީ މެޗުގެ އިތުރު ވަގުތުގައި މޮރޮކޯ އަށް ރެފްރީ ޕެނަލްޓީ އެއް ދިނުމާއި ގުޅިގެން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. އަދި އެކަންތައް ހައްލުކޮށް އަލުން ފައިނަލް މެޗުގެ ކުޅުން ފަށާފައިވަނީ 17 މިނިޓަށް މެޗު މެދުކަނޑާލުމަށްފަހުގަ އެވެ.
ފައިނަލް މެޗުގެ ކުޅުން އަލުން ފެށިއިރު މޮރޮކޯއަށް ލިބުނު ޕެނަލްޓީ ބްރާހިމް ޑިއާޒް ފޮނުވާލިއިރު ސެނެގާލްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. މި މެޗުން ސެނެގާލް މޮޅުވެފައިވަނީ އިތުރު ވަގުތުގައި ޕާޕޭ ގުއޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ސީއޭއެފް އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފައިނަލް މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭ ގޮތުން މޮރޮކޯ އިން ހުށައަޅާފައިވާ މައްސަލަ ބެލުމަށްފަހު ފައިނަލް މެޗުން 3-0 ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވި ކަމަށް ނިންމާފައިވާ ކަމަށެވެ.
"ފައިނަލް މެޗުގައި ސެނެގާލް އިން ވަނީ އެފްކޮންގެ ގަވާއިދުގެ 82 މާއްދާ އާއި ޚިލާފުވެފައި އެހެންކަމުން ފައިނަލް މެޗުން 3-0 ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވި ކަމަށް ނިންމާ މުބާރާތުގެ ޗެމްޕިއަންކަން މޮރޮކޯއަށް ވަނީ ލިބިފައި." ސީއޭއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.
މުބާރާތުގެ ގަވާއިދުގެ 82 ވަނަ މާއްދާގައި ބުނެފައިވަނީ ޓީމަކުން މެޗު ކުޅެން ދެކޮޅު ހަދާ ނުވަތަ ރެފްރީގެ ހުއްދަ ނެތި ދަނޑުން ފައިބައިފިނަމަ އެ ޓީމެއް ބަލިވި ކަމަށް ނިންމާ މުބާރާތުން ވަކިކުރެވޭނެ ކަމަށެވެ.