ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ލިވަޕޫލް އިން ހޯދައިފި އެވެ.
ލިވަޕޫލް އިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ބުރުގައި ތުރުކީގެ ގަލަތަސަރާއީ އާއި ދެކޮޅަށް ކުޅުނު މެޗު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 1-0 ގެ ނަތީޖާއަކުން ގަލަތަސަރާއީ އިން އަމިއްލަ ދަނޑުގައި ކާމިޔާބުކުރި ނަމަވެސް ރޭ އެންފީލްޑްގައި ކުޅުނު ދެވަނަ ލެގު ލިވަޕޫލް އިން ވަނީ 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
އެންފީލްޑްގައި ފަންސާސް ނުވަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 25 ވަނަ މިނިޓުގައި ލިވަޕޫލް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލްކްސިސް މެކަލިސްޓަރ ދިން ޕާހަކުން ޑޮމިނިކް ސޮބޮޒްލާއީ އެވެ.
މި ލަނޑަށްފަހު ލިވަޕޫލް އަށް ވަނީ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖަހާ ލީޑު ނެގުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ މުހައްމަދު ސަލާ އަތުން ވަނީ ނާކާމިޔާބުވެފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ހޫގޯ އެކިޓީކޭ ވަނީ ލަނޑެއް ޖަހާ މެޗުގެ އެގްރިގޭޓް ނަތީޖާއިން ލިވަޕޫލް އަށް ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ރަޔާން ގްރަވެންބަރޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި މުހައްމަދު ސަލާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ލިވަޕޫލް އާއި ދެކޮޅަށް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އެވެ.