މިއަދުން ފެށިގެން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ގާއިމުކޮށް ފަސޭހަކުރުމަށްޓަކައި ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ވައިގެ މަގުންނާއި ކަނޑު މަގުން ގުޅާލުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިއަދު މިވަނީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
The Aeronautical Authorities of Australia and the Maldives have signed an MoU to advance a Bilateral Air Services Agreement between our two countries.
— Mohamed Ameen (@ameen3d) March 19, 2026
Effective today, there are no restrictions for airlines to operate between Australia and the Maldives—opening new opportunities… pic.twitter.com/RHFyMRP3Ir
މި އެއްބަސްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އޮސްޓްރޭލިއާއާއި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިދާރާތަކުން މި ސޮއިކުރި އެމްއޯޔޫއަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިއަދުން ފެށިގެން އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ހިންގުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، އަދި ވިޔަފާރީގެ ދާއިރާއިން އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ސީއޭއޭއިން ވިދާޅުވީ، މި އެއްބަސްވުމަކީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަކުރުމަށް ދެ ގައުމުން ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.