އިންތިޚާބާއި ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށް ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީގައި ސޮއިކުރަން ފަށައިފިއެވެ.
އިންތިޚާބާއި ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައިވަނީ، އެ މަރުކަޒު ހިންގަމުން ދިޔަ ކުރީގެ ޑްރަގް ކޯޓު އިމާރާތާ އިންވެގެންހުރި ގުދަނެއްގައި ރޯވުމާއި ގުޅިގެން އަލިފާނުގެ އަސަރު އެއިމާރާތަށް ކުރުމުންނެވެ. މި ހާދިސާއާއި ގުޅިގެން އެތަނުގެ މަސައްކަތްތައް ހުއްޓާލައި އެތަނުގައި ހުރި ލިއެކިއުންތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ބޭރުކޮށްފައެވެ. އަދި އިންތިޚާބުގެ ކަންކަން ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް މިހާރުވަނީ މަސައްކަތް ފަށާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ދަނީ ސިޔާސީ ޕާޓީތަކާއި އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ކަމަށެވެ. ސޯޝަލް ސެންޓަރުގައި މި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝުން ވިދާޅުވިއެވެ.
އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިޚާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަަކައި މިވަގުތުވެސް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި…
— Elections Commission (@ElectionsMv) March 19, 2026
ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި އަލުން ފަށާފައިވާއިރު އަލިފާނުގެ މިހާދިސާއާއި ގުޅިގެން އިންތިޚާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަންޖެހެއެވެ. އެހެންކަމުން މިލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
އެޕްރީލް މަހުގެ 4 ވަނަ ދުވަހު 3 ވޯޓެއް ނަގާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ.