މެދުއިރުމަތި ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓައިލާފައިވާ ޞަހްޔޫނީ ދައުލަތުގެ އިސްތިޢުމާރީ ޔަހޫދީ ސިފައިން، ލުބްނާނަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކޮށް، ޢާންމު ރައްޔިތުން ޝަހީދުކޮށް މުޅި ސަރަޙައްދު ނުރައްކަލުގެ ތެރެއަށް ވައްޓައިލައިފިއެވެ. މާރިޗު 1 ވަނަ ދުވަހުން ފެށިގެން ލުބްނާނާއި ޞަހްޔޫނީ ދައުލަތްް ގުޅޭ ސަރަޙައްދީ ރޮނގުގައި ޔަހޫދީ ސިފައިންގެ އަދަދު ދެގުނައަށް އިތުރުކޮށްފައިވާ އިރު، އެ މީހުން މިހާރު ދަނީ ލުބްނާނުގެ ދެކުނުގެ އަވަށްތަކަށް އަރައިގަނެ، ޢާންމުންގެ ގެދޮރު ހިފައި، ރައްޔިތުންގެ މުދަލަށް އަރައިގަންނަމުންނެވެ. އަދި، ޢާންމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.
ޔަހޫދީ ސިފައިން ލުބްނާންގެ ޢާންމު ރައްޔިތުންނަށް ޙަމަލާ ދޭން ފަށާފައި ވަނީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން އީރާނާ އެއްބައިވެ، ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާ ދޭން ފެށުމާ ގުޅިގެންނެވެ. މިއީ، އެމެރިކާއާއި ޞަހްޔޫނީން އިސްވެ، އެއްވެސް ހުއްޖަތަކާ ނުލައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ނުރައްކާތެރި ނަތީޖާއެވެ. އީރާނުން ދަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޔަހޫދީންގެ މަޞްލަޙަތުތަކަށް ރައްދު ޙަމަލާ ދެމުންނެވެ. ޔަހޫދީންގެ ވަރުގަދަ އަސްކަރީ މަތިންދާބޯޓުތަކުން ލުބްނާންގެ ވެރިރަށް ބަޔިރޫތަށް ބޮން އަޅަމުންދާ އިރު، ލުބްނާނުގެ ދެކުނު އަލް-ލަޔިޠާނީ ކޯރާ ހަމައަށް އަތްގަދަ ކުރުމަށް ޓަކައި ޔަހޫދީ ސިފައިން ދަނީ ޢާންމުންގެ ގެދޮރު ސުންނާފަތި ކުރަމުންނެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ލުބްނާނުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 968 އަށްވުރެ އިތުރުވެފައިވާއިރު، ޙިޒްބުالله އިން ދަނީ މާރިޗު 2 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ އިސްތިޢުމާރީ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ލުބްނާނާ ދެކޮޅަށް ހިންގުން ދަނީ ދިފާޢީ އޮޕަރޭޝަނެއް ކަމުގައި ޔަހޫދީ ސިފައިން ބުނި ނަމަވެސް، ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވާ އެތަކެއް ސަތޭކަ އަސްކަރީ ޓޭންކުތަކާއި، ބުލްޑޯޒަރުތަކާއި، ހަނގުރާމަވެރި އުޅަނދުތަކުން ސާފުވަނީ ޔަހޫދީންގެ ނުބައި ނިޔަތެވެ. ޙިޒްބުالله އިން ބުނީ، މިއީ ގެދޮރުން ބޭރު ކޮށްފައިވާ ލުބްނާންގެ ރައްޔިތުން އެނބުރި ވަޒަނަށް ދިޔުން ހުއްޓުވުމަށް ޔަހޫދީން ހިންގަމުންދާ ނައްލު ނައްތައިލުމުގެ ޖަރީމާއެއް ކަމުގައެވެ.