މާލޭގެ 2 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި މިއަހަރުގެ ފިޠުރު ޢީދު ނަމާދު ކުރާނީ ޒުވާން ޙަޠީބުންކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ފިތުރު ޢީދު ނަމާދު، މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާނެއެވެ.
މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދު ކުރާއިރު 25 މިސްކިތެއްގައިވެސް އީދު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މާލެ ސަރަހައްދުގެ މައިދާންތަކާއި ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ޢީދު ނަމާދު ކުރާ ބޭފުޅުންގެ މައުލޫމާތު ހިއްސާކޮށްފައެވެ. މީގެތެރޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ޒުވާން 2 ޙަޠީބަކު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލެ ބޮޑު ޖަމާއަތް (މާފަންނު ސްޓޭޑިއަމް) އާއި ވިލިމާލެ ބޮޑު ޖަމާއަތެވެ.
* މާލެ ބޮޑު ޖަމާއަތް (މާފަންނު ސްޓޭޑިއަމް): އަލްޚާފިޡް އަބްދުﷲ ބިން އިމްޖާދު
* މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް: އަލްޚާފިޡް ސަލްމާން މުޙައްމަދު ލަޠީފް
* މަސްޖިދު މަލިކި ސަލްމާން: އައްޝައިޚް ޙަސަން ތައުފީޤް
* ހުޅުމާލެ ބޮޑު ޖަމާޢަތް (ހުޅުމާލެ ފޭސް1 ސިންތެޓިކް ޓްރެކް ސަރަހައްދު): އައްޝައިޚް އަހްމަދު މައުމޫން
* ހުޅުމާލެ ބޮޑު ޖަމާޢަތް (ހުޅުމާލެ ފޭސް2): އައްޝައިޚް ޢަބްދުﷲ ސަޢުދާން
* ވިލިމާލެ ބޮޑު ޖަމާޢަތް (ވިލިމާލެ ބޯޅަދަނޑު): އަފްލާޙް އިސްމާޢިލް ރަޝީދު
ބޮޑު ޖަމާޢަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި ފިތުރު ޢީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު، މާލޭ ސަރަހައްދުގެ 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން މި ސަރަޙައްދުތަކުގައި ނަމާދު ކުރެވޭ ފަދަ ޙާލަތެއް ނެތްނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދު ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ޢީދު ނަމާދު ރާއްޖޭގައި ކުރަނީ ހެނދުނު 7:00ގައެވެ. ކުރިން 7:30ގައި ޢީދު ނަމާދު ކުރި ނަމަވެސް މި ގަޑި ބަދަލުކުރީ، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީއެވެ. އަދި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޢީދު ނަމާދުގެ ބޮޑު ޖަމާޢަތާ ގުޅިގެން މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ނިންމާފައެވެ. މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުތަކަށެވެ. މިއީ ޢީދު ނަމާދަށް އެއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.