ޔަހޫދީންނާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނާ ގުޅިގެން، ދިފާޢުގައި އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ތެރެއިން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅީގެ ބާރު ހޯދަން އަސްކަރީ މަނަވަރުތައް ފޮނުވުމަށް އެމެރިކާއާ ގާތްގުޅުން އޮންނަ ޤައުމުތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދޭން އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ޤާނޫނީ ހުރަސްތައް ކުރިމަތިވެފައިވާކަމަށް ބުނެފިއެވެ.
ޔަހޫދީންނާއި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް ބޮން އެޅުމުގެ ވަރުގަދަ ކެމްޕޭނެއް ފެށުމުން، އީރާނުން ވަނީ ރައްދުގައި އެ ޤައުމުގެ އައްސޭރިފަށުގައި އޮތް މި މުހިންމު ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ މި މަގު ބަންދުކުރުމަށްފަހު އީރާނުން ދަނީ، އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންގެ އެއްވެސް މުދަލެއް އެ ކަނޑުއޮޅިން ހުރަސް ކުރުމުގެ ފުރުޞަތު ދިނުމަށް އިންކާރު ކުރަމުންނެވެ.
ހުރްމުޒް ކަނޑުއޮޅިން ތެލާއި ގޭހުގެ ސަޕްލައި އަލުން ފެށުމަށްޓަކައި، އެ ކަނޑުއޮޅުން ދަތުރުކުރާ އުޅަނދުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަސްކަރީ މަނަވަރުތައް ފޮނުވައިދިނުމަށް ޓްރަމްޕް ވަނީ ދެކުނު ކޮރެޔާ، ޗައިނާ، ޖަޕާނު، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުގައި އެދިވަޑައިގެންފައެވެ.
ނަމަވެސް، މި ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވުމަށް، ވިލާތުގެ އެންމެ ވަރުގަދަ ބާރުތަކުން ފާޅުގައި އިންކާރުކުރުމުން ޓްރަމްޕް ވަނީ ކޯފާއިސްކުރައްވައި، އެއްވެސް ޤައުމެއްގެ އެހީތެރިކަން ބޭނުންނުވާކަމަށް ވިދާޅުވެފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، ޓްރަމްޕްގެ އެދިވަޑައިގަތުމަށް އިޖާބަނުދީ ތިބުމަށް ޙާއްޞަކޮށް އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ފަސޭހައެއް ނުވާނެއެވެ.
މިގޮތުން، ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކައިޗީ އާއެކު ވައިޓް ހައުސްގައި އަންނަ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާއިރު، ހުރްމުޒް ކަނޑުއޮޅިއަށް އަސްކަރީ މަނަވަރު ފޮނުވުމަށް ޓްރަމްޕް ބާރުއަޅުއްވާނެކަމަށް ބެލެވެއެވެ.
ޖަޕާނާއި އެމެރިކާއާ ދެމެދު ދިފާޢީ ގޮތުން އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީނަމަވެސް، ހުރްމުޒްއަށް އަސްކަރީ މަނަވަރުތައް ފޮނުވުމަށް ޖަޕާނަށް ހުރި ޤާނޫނީ ހުރަސްތައް ގިނައެވެ. މިގޮތުން، އެކަން ކުރުމަށްޓަކައި 2015ވަނަ އަހަރު އެކުލަވާލާފައިވާ ޤައުމީ ސަލާމަތާބެހޭ ޚާއްޞަ ޤާނޫނަކަށް ވަގުތީ ގޮތުން ޢަމަލުކުރަން ފައްޓަންޖެހެއެވެ.
ޖަޕާނުގެ މަނަވަރުތަކާއި މަސްލަޙަތުތައް ޙިމާޔަތްކުރުމަށް ޤާނޫނީ ގޮތުން ކުރެވެންހުރި ކަންކަން ބަލަމުންދާކަމަށް ޤާނޫނުހަދާ މަޖިލީހަށް މަޢުލޫމާތު ދެއްވަމުން ތަކައިޗީ ވަނީ ވިދާޅުވެފައެވެ. މެދުއިރުމަތީގެ ތެލަށް ޖަޕާނުން ވެސް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، އޭގެތެރެއިން 70 އިންސައްތަ އަންނަނީ ހުރްމުޒް ހުރަސްކޮށެވެ.
ދެކުނު ކޮރެޔާއަށް ވެސް ކުރިމަތިވެފައިވަނީ ހަމަ އެފަދަ ހުރަސްތަކެކެވެ. ދެކުނު ކޮރެޔާއިން ވެސް މެދުއިރުމަތީގެ ތެލަށް ބަރޯސާވާއިރު، އެމެރިކާ އާއެކު ޤާއިމުކޮށްފައިވާ ދިފާޢީ ރޮނގުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމުގެ ފިއްތުންތައް ވެސް ބޮޑެވެ. ނަމަވެސް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ، މެދުއިރުމައްޗަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެން ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ސަރުކާރަށް އިލްތިމާސް ކުރަމުންނެވެ.