ޚަބަރު

ޖެޓް ފިއުލުގެ އަގު އުފުލި، ޓިކެޓުގެ އަގަށް އޭގެ އަސަރު


  • ދުނިޔޭގެ ޓްރާންސިޓް ދަތުރުގެ %14 ހިނގަނީ މެދުއިރުމަތީގެ އެއާޕޯޓްތައް މެދުވެރިކޮށް

  • ހަނގުރާމަ ފެށުމުން ޖެޓް ފިއުލުގެ އަގު %83 އުފުލުނު

މިދިޔަ ފެބުރުވަރީ މަހު އިރާނާއި ދެކޮޅަށް އެމެރިކާއި ޔަހޫދީން ފެށި އުދުވާނީ ހަމަލާތަކުގެ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް މިކަމުގެ އަސަރު ކުރަމުންދާއިރު މިކަމުގެ އަސަރު ދިވެހިންނަށްވެސް ދަނީ ކުރަމުންނެވެ.

މިހާލަތު މެދުވެރިވާން ޖެހުނު ސަބަބު ސާފެވެ. ވައިގެ މަގުން އިރާނަށް ދެވުނު ހަމަލާތަކުގެ ރައްދު އެޤައުމުން ދޭން ފެށީ މިސައިލްތަކުންނެވެ. އެމެރިކާ އަދި ޔަހޫދީ ދައުލަތް އެކުވެ ދިން ހަމަލާތަކަށް ރަށްދު ދީފައިވަނީ، ޔަހޫދީންނަށާއި ގަލްފް އަދި މެދުއިރުމަތީގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މީގެ 19 މަރުކަޒު މެދުއިރުމަތީގައި ހުރެއެވެ. ހަނގުރާމަ ހޫނުވެ ބައެއް ހަމަލާތައް އެއަރޕޯޓުތަކަށްވެސް ދަނީ އަމާޒުވަމުންނެވެ. މިއާއެކު މެދުއިރުމަތީގެ ވައިގެ ސަރަހައްދުގައި ދަތުރުކުރުން ވަނީ ނުރައްކާތެރިކަމަކަށް ވެފައެވެ.

ހަމަލާތައް ބަދަލުކުރަން ފެށުމާއެކު، މެދު އިރުމަތީގެ ވައިގެ ސަރަހައްދު އާންމު ދަތުރުފަތުރަށް އެއްކޮށް ބަނދުވެގެން ދިޔައެވެ. މި ސަރަހައްދަކީ ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ ސަރަހައްދު ކަމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ އިންތިޒާމުތައް މި މަގަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ. އޮކްސްފޯޑް އިކޮނޮމިކްސްގެ ދިރާސާއެއް ބުނާ ގޮތުން ދުނިޔޭގެ ޓްރާންސިޓް ދަތުރުފަތުރުގެ ގާތްގަނޑަކަށް %14 އާންމުކޮށް ހިނގަނީ މެދުއިރުމަތީގެ އެއާޕޯޓްތައް މެދުވެރިކޮށެވެ. އެހެން ކަމުން މި ސަރަހައްދުގެ ދަތުރުތައް ހުއްޓުމަކީ ޓިކެޓު އަގުތަށް ބޮޑުވުމާއި ދަތުރުގައި ހޭދަ ކުރަން ޖެހޭ ވަގުތު އިތުވުމަށް މެދުވެރިވާނެ ސަބަބެކެވެ.

އާންމުކޮށް އެއާލައިނަކުން ޓިކެޓުތަކުގެ އަގު ކަނޑައަޅަނީ ތެލުގެ އަގާއި ދަތުރުކުރަން ޖެހޭ ދުރުމިނާއި އަދި އެއާލައިނެއް ޖައްސާ އެއާޕޯޓަކުން ނަގާނެ ފީތަކަށް ރިއާޔަތްކޮށެވެ. ހަނގުރާމައިގެ ސަބަބުން އިރާނާއި ގަލްފް ޤައުމުތައް މެދުގައި އޮންނަ ހޮރުމޫޒު ކަނޑުއޮޅި ވަނީ ބަނދުވެފައެވެ. މިކަމުގެ ސަބަބުން ސާފު ނުކުރާ ތެލާއި ތެލުގެ އެކި އުފެއްދުންތަކުގެ އަގު އުފުލިގެން ގޮސްފައިއެވެ. ވައިގެ ދަތުރުފަތުރަށް ބަލާއިރު، ފްލައިޓުތަކުގައި ބޭނުންކުރާ ޖެޓް ފިއުލުގް އަގު %83 މި ހިނގާ މާރިޗު މަހުގެ ތެރޭގައި އުފުލިފައިވާ ކަމަށް އައިއާޓާ ޖެޓްފިއުލް މޮނިޓަރ އިން ދައްކައެވެ.

އެއާލައިންތަކުގެ ހިންގުމުގެ ޚަރަދުވެސް ތެލުގެ އަގަށް އައި ބަދަލާއެކު ވަނީ އިތުރުވެފައެވެ. އިންޓާނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއާޓާ)ގެ އިން ބުނި ގޮތުގައި ހަނގުރާމަ ފެށުމުގެ އެއާލައިންތަކުން ތެލައް ކުރާ ޚަރަދު ހިއްސާ ކުރަނީ އެއާލައިންތަކުގެ ޖުމްލަ ހިންގުމުގެ ޚަރަދުގެ %20 އާއި %25 ކަމަށެވެ. ނަމަވެސް ހަނގުރާމަ ފެށުމާއެކު މި ޚަރަދު %40 އަރާފައިވާ ކަމަށް އައިއާޓާއިން ބުނެއެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެ ކަމަށް، ތަޖުރިބާކާރުން ވިދާޅުވެއެވެ.

ތެލުގެ އަގު އިތުރުން މެދުއިރުމަތީގެ ރޫޓުތައް ނޫން އެހެން ރޫޓުތައް އެއަރލައިންތަކުން ޚިޔާރު ކުރަން ޖެހުމަކީވެސް އަގު އުފުލޭ ސަބަބެކެވެ. މީގެ ސަބަބުން ދަތުރުގެ ދިގުމިން އިތުރުވެގެންދެއެވެ. މިއާއެކު އަގުތަކުންވެސް އެކަން ފެނެއެވެ.

ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް މިއަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށްވެސް ކުރާނެއެވެ. ސަރުކާރުން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެއަށް މެދުއިރުމަތިން ޓްރާންސިޓްވެގެން ދުވާލެއްގެ މައްޗަށް 18 ވަރަކަށް ފްލައިޓު އާދެއެވެ. މި ފްލައިޓްތައް ކެންސަލުވުމާއެކު މިއީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ބޮޑު ގެއްލުމެކެވެ. އެއާލައިންތަކުގެ ޓިކެޓު އަގު ބޮޑުވުމަކީ، އެހެން ސަރަހައްދުތަކުންވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެދާނެ ކަމެކެވެ. އެހެން ކަމުން މިފަދަ ކަންކަމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އެޅުން މުހިންމެވެ.