ޚަބަރު

"އަބުރުވެރިކަން ކަށަވަރުކުރުމަށް ފެނުގެ ރައްކާތެރިކަން މުހިންމު"


  • ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް

  • މިއަދަކީ ދުނިޔޭގެ ފެނުގެ ދުވަސް

  • މިއަހަރުގެ ޝިޢާރަކީ "ފެން އަދި މިންތި"

ސާފު ބޯފެން ކަަށަވަރުވުމަކީ، ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެއެވެ.

ދުނިޔޭގެ ފެނުގެ ދުވަހާ ގުޅުވައިގެން ނެރުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ފެނުގެ ރައްކާތެރި ކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތުތަކާއި ވަކިނުކުރެވޭނެ ކަމެއް ކަމަށެވެ.

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަނީ، ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަހުގައެވެ. މިއަހަރުގެ ޝިޢާރަކީ "ފެން އަދި މިންތި" އެވެ.

ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައި، ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ޤައުމަކަށްވުމުން، ސާފު، ރައްކާތެރި ބޯފެން ކަށަވަރު ކުރުމަކީ، ޤައުމީ ފެންވަރުގައި އިސްކަން ދެއްވާ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މޫސުމީ ބަދަލުތަކާއި ފެނުގެ ސަޕްލައިގައި މައްސަލަ ޖެހުމުގެ ސަބަބުން ފެނަށް ދަތިވާ ހާލަތްތަކުގައި އެމައްސަލައަށް ހައްލު ހޯދުމުގައި އަންހެނުންނާއި، އަންހެން ކުދިން އުފުލަންޖެހޭ ބުރައަކީ، ވަރަށް ބޮޑު ބުރައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފެން ރައްކާތެރި ކުރުމަށް މިހާރު އެކުލަވާލާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމާއި، ފެން ފަށަލަ ރައްކާތެރި ކުރުމާއި، ވާރޭފެން ރައްކާ ކުރުމަށް ކޮމިއުނިޓީ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ވިލުންވެރި ނިޒާމުގެ މައްޗަށް މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ބައްލަވާ ލައްވާފައިވެއެވެ. އެގޮތުން، އެފަދަ ދާއިރާތަކުން ފަންނީ ޤާބިލިއްޔަތު އިތުރު ކުރުމާއި، ކްލައިމެޓް ފައިނޭންސިންގ ކަށަވަރު ކުރުމާއި، ބޯފެން ލޮނުވުުމުގެ ހާދިސާތަކުގައި އަމަލުކުރާނޭ ކުއްލި ހާލަތްތަކާއި ޤަވާއިދުތަކުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މައިގަނޑުގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ، ފެނާ ގުޅުންހުރި ކަންކަމުގައި އަންހެނުން ބާރުވެރި ކުރުވުމުގެ މައްޗަށެވެ. ރައްޔިތުން ބާރުވެރިވުމަކީ ރައްކާތެރި، ވިލުންވެރި އަދި ރަށްރަށް ތަރައްޤީވެ ކުރިއަރައި ދިއުމުގައި އެންމެ މުހިންމު މައިގަނޑު އަސާސް ކަމަށާއި، އަދި، ސާފު ބޯފެން ކަަށަވަރުވުމަކީ ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ސާފު ފެން ރައްކާތެރި ކުރުމާއި، ރައްޔިތުން ބާރުވެރި ކުރުމާއި، ފެނުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ޖަމާޢަތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި، ޔޫޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ތަރައްޤީގެ ބައިވެރިން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ. އަދި ރައްކާތެރި ބޯފެނާއި، ނަރުދަމާގެ ނިޒާމު ކަށަވަރުވުމަކީ ހުރިހާ ދިވެހިންނަށް ރައްކާތެރި، ހަމަހަމަ ކުރިމަގެއް ކަށަވަރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.