ޚަބަރު

އެތްލެޓިކޯ އަތުން ރެއާލް އަށް ހަނި މޮޅެއް


ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އެތްލެޓިކޯ މެޑްރިޑް އިންނެވެ. އެއީ މެޗުގެ 33 ވަނަ މިނިޓުގައި އަޑެމޯލާ ލުކްމަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ އަކުން ވިނިޝިއަސް ޖޫނިއަރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަދި އޭގެ ތިން މިނިޓު ފަހުން މެޗުގެ 55 ވަނަ މިނިޓުގައި ފެޑެރީކޯ ވަލްވާޑް ވަނީ އިތުރު ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.

ޑިއެގޯ ސިމިއޯނީގެ އެތްލެޓިކޯ މެޑްރިޑް އިން ވަނީ މެޗުގެ 66 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނަހުއެލް މޮލީނާ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗަށް ނިކުތްއިރު ވިނިޝިއަސް އަށް އެތްލެޓިކޯ މެޑްރިޑް ކޮޅަށް މީގެ ކުރިން ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި މެޗުގެ 77 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ފެޑެރީކޯ ވަލްވާޑް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން އެ ޓީމުން މެޗުގެ ފަހު ވަގުތު ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި ނަތީޖާ އާއިއެކު ލީގުގެ މިހާތަނަށް ކުޅުނު 29 މެޗުން ރެއާލް މެޑްރިޑަށް ލިބިފައިވާ 69 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް 29 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ.

ބާސެލޯނާ ރޭ ރަޔޯ ވަޔެކާނޯ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 24 ވަނަ މިނިޓުގައި ރޮނަލްޑް އަރައުހޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ލަލީގާގައި ޖެހި ތިންވަނަ ލަނޑެވެ.