ޚަބަރު

ތިނަދޫ މަގުހެދުމުގެ 3 ވަނަ ފިޔަވަހި ފަށައިފި


  • ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ

  • މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

ތިނަދޫ ސިޓީ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ތިނަދޫ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.

ތިނަދޫ ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަގު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލްސަން އަހްމަދު، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގަތެވެ.

ތިނަދޫ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ.

3 ވަނަ ފިޔަވަހީގެ ދަށުން، ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުތަކުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 1440 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީންއެވެ. މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ ޖުމްލަ 14 މަގެއްގައި ތާރު އަޅާ ވަނީ ތަރައްޤީކޮޮށްފައެވެ.

ސިޓީ ތަކުގެ ހުރިޙައި މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ.