އިޓަލީގެ ގައުމީ ޓީމަށް ކުޅެވެނީ ނަފްސާނީ ގޮތުން ވެސް ފިޓްވެގެން ކަމަށާއި ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޯފްގައި އުތުރު އަޔަލޭންޑާ ދެކޮޅަށް ކުޅެން ނެތި ސްކޮޑުން ލިވަޕޫލްގެ ފޯވަޑް ފްރެޑްރިކޯ ކިއޭޒާ ޓީމުން ބާކީ ކުރީ މި ސަބަބާ ހުރެ ކަމަށް ކޯޗު ގެނާރޯ ގަޓޫސޯ ބުނެފި އެވެ.
ދެ އަހަރަށް ފަހު ކިއޭޒާ ޓީމުގައި ހިމެނުމަށް ފަހު އޭނާ ބާކީ ކުރީ ނަފްސާނީ ގޮތުންނާއި ފިޒިކަލީ ގޮތުން ވެސް ފިޓްނުވާތީ އެވެ. ގަޓޫސޯ ބުނީ އަނިޔާގައި ތިބި ބައެއް ކުޅުންތެރިން ޓީމާއެކު ތިބި ނަމަވެސް ކިއޭޒާ އަށް އެ ފުރުސަތު ނެތް ކަމަށެވެ. އޭނާ އަކީ 2021 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކުރި އިޓަލީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.
"އޭނާ ބޭނުންވީ އެނބުރި ލިވަޕޫލަށް ދާން. އޭނާ ފިޓެއް ނޫން މިތަނުގައި ހުންނާކަށް. މިތަނުގައި ހުރެވޭނީ ޓީމަށް އެ މީހެއްގެ ފުށުން ކުރިއެރުންތަކެއް އަންނަ ކަމަށްވާނަމަ. އަނިޔާގައި ހުއްޓަސް ބައެއް ކުޅުންތެރިން ޓީމަށް ރޫހު ގެނެސްދޭ. އެފަދަ ކުޅުންތެރިން ޓީމާއެކު ތިބޭނެ،" ގަޓޫސޯ ބުންޏެވެ.
އޭނާ ބުނީ ފާއިތުވެދިޔަ އަހަރުތަކުގައި ޔޫރޯ އާއި ވޯލްޑް ކަޕަށް ކޮލިފައިނުވެ އިޓަލީ ދިއުމުގެ ސަބަބުން މިހާރު ޓީމުގައި ތިބެން ޖެހޭނީ ވަރަށް ގިނަ ގޮތްގޮތަށް ބަލާފައި ފިޓް ކުޅުންތެރިން ކަމަށެވެ.
"އަހަރުމެން ހަތަރު ވޯލްޑް ކަޕާއި ދެ ޔޫރޯ އާއި އޮލިމްޕިކް ގޯލްޑް މެޑަލެއް ކާމިޔާބު ކުރި ވާހަކަ އަކީ މާޒީ. އެ ވާހަކަތައް ހިފައިގެން ކުރިއަކަށް ނުދެވޭނެ. މިހާރު ޓީމަށް ގިނަ ބަދަލުތަކެއް އަންނަން ޖެހޭ. އެހެންވީމާ އަހަރެން ނިންމަނީ އަހަރެންގެ އުސޫލުތަކަށް ފެތޭ އަދި އެކަންކަން ގަބޫލު ކުރާ ކުޅުންތެރިން ޓީމުގައި ހިމެނުމަށް،" 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު އިޓަލީގެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުރީގެ މިޑްފީލްޑަރު ބުންޏެވެ.
އަނިޔާގައި ތިބި ނަމަވެސް އިންޓަ މިލާނުގެ ޑިފެންޑަރު އަލަސެންޑްރޯ ބަސްޓޯނީ އާއި އެޓްލާންޓާގެ ފޯވަޑް ޖިއާންލޫކާ ސްކަމާކާ އާއި ބޮލީނިއާގެ ނިކޮލާ ކަމްބިއާގީ ޓީމާއެކު ތިބޭނެ އެވެ.