ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާ އަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެނބުރި އަންނަން ބޭނުންވަނީ އެ ކުލަބުގެ 10 ޕަސެންޓް މީހުން ކަމުގައި ހިޔާލު ހޯދުމުގެ ވޯޓުން ދައްކައިފި އެވެ.
ބާސެލޯނާގެ އިންތިހާބާ ދިމާކޮށް ޓީވީ3 އިން ނެގި ވޯޓުގައި ބައިވެރިވި ގިނަ މީހުން ތާއީދު ކުރީ ހާއްސަ ވަދާއީ މެޗެއް ކުޅެން މެސީ އެނބުރި ބާސެލޯނާ އަށް އައުމަށެވެ. މި ގޮތުން މިކަމަށް 55 ޕަސެންޓް މީހުން ތާއީދު ކޮށްފައިވެ އެވެ. ބާސެލޯނާގެ ތާރީހުގައި އެ ކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށް ކުލަބުގެ އޮނަރަރީ ރައީސްކަން ދިނުމަށް ތާއީދު ކުރީ 28 ޕަސެންޓް މީހުންނެވެ. އަދި ހަ ޕަސެންޓް މީހުން ބޭނުންވަނީ އެއް ގޮތަކަށް ވެސް އޭނާ އެނބުރި ނައުމަށެވެ.
ބާސެލޯނާގެ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޖޯން ލަޕޯޓާ އެވެ. އޭނާ ބޭނުންވާ ގޮތަކީ ވެސް މެސީ ވަދާއީ މެޗެއް ކުޅެން ބާސެލޯނާ އަށް އައުމަށެވެ. އަދި ލަޕޯޓާ ހުށަހަޅަނީ ބާސެލޯނާގެ ސްޕޯޓިން ޑިޕާޓްމަންޓްގެ އެމްބެސެޑަރެއްގެ ގޮތުގައި މެސީ މަސައްކަތް ކޮށްދިނުމަށާއި އޭނާ އަށް ހާއްސަ ބުދެއް އެ ކުލަބުގެ ސްޓޭޑިއަމުގެ ބޭރުގައި ބެހެއްޓުމަށެވެ.
ނަމަވެސް ލަޕޯޓާއާ ވާދަކުރެއްވި ވިކްޓަރ ފޮންޓް ބޭނުންވީ މެސީ އަށް އޮނަރަރީ ރައީސްކަން ދިނުމަށެވެ.
އުމުރުން 12 އަހަރުގައި ބާސެލޯނާއާ ގުޅުނު މެސީ އެ ކުލަބުން ދާން ޖެހުނީ 2021 ވަނަ އަހަރު މަޖުބޫރު ވެގެންނެވެ. އެއީ ބާސެލޯނާގެ މާލީ ހާލަތު ދަށްވެ މެސީގެ އަގުބޮޑު ކޮންޓްރެކްޓް ސްޕެނިޝް ލީގުން ރަޖިސްޓަރީ ކޮށްނުދިނުމުންނެވެ. ނަމަވެސް މި މައްސަލާގައި ލަޕޯޓާ އާއި މެސީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.