ޚަބަރު

އެމެރިކާގެ ޢުދުވާނަށް މަގުފަހިކޮށްދިން ޢަރަބި ޤައުމުތަކުން ބަދަލުނަގައިދޭން ހުށަހަޅައިފި


ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައަށް މަގުފަހިކޮށްދީ، ބައިނަލްއަޤުވާމީ އިލްތިޒާމުތަކާ ޚިލާފުވި ކަމުގެ ތުހުމަތުގައި ޢަރަބި ފަސް ޤައުމަކުން ބަދަލު ނަގައިދިނުމަށް އެދި އީރާނުން އެކުވެރި ދައުލަތްތަކުގައި (އދ) ރަސްމީކޮށް އެދިއްޖެއެވެ. ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ. އެޕްރީލު 8 ގައި އިޢުލާނުކުރި އެއްބަސްވުމެއްގެ ދަށުން ދެ ހަފުތާގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން މި ވަގުތު އޮތީ މެދުކަނޑައިލާފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްއާއި އދގެ ސަލާމަތީ މަޖިލީހަށް އީރާނުގެ ސަފީރު އަމީރު ސަޢީދު އީރުވާނީ ފޮނުއްވި ސިޓީއެއްގައި އޭނާ ވަނީ ސަޢޫދީ ޢަރަބިއްޔާއާއި، އެކުވެރި ޢަރަބި ޢިމާރާތާއި (ޔޫއޭއީ)، ބަޙްރައިނާއި، ޤަޠަރު އަދި އުރުދުނުން އެމެރިކާއާއި ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައި ވިދާޅުވެފައެވެ. "މި ޚިލާފުވުންތަކަށް ޖަވާބުދާރީ ނުކުރުވައި އީރާނުން ދޫކޮށެއް ނުލާނެ،" އޭނާ ވިދާޅުވިއެވެ. ތެހްރާނުން ބުނީ، ހަނގުރާމައިގެ އެތަކެއް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާއިރު، މާއްދީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.

ޢުދުވާނުގެ ރައްދުގައި އީރާނުން ވަނީ އަމިއްލަ ދިފާޢުގައި ތެދުވެފައެވެ. އަދި، ޔަހޫދީ ދައުލަތުގެ ރަށްތަކުގެ އިތުރުން ގަލްފް ޢަރަބި ޤައުމުތަކުގައި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ތިބޭ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ، އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ގަލްފްގެ ޤައުމުތަކުގެ އިތުރުން ޢިރާޤާއި އުރުދުނަށް ވެސް އީރާނުގެ ޙަމަލާތައް އަމާޒުކޮށްފައިވާއިރު އެއީ، އަމިއްލަ ދިފާޢުގައި އަޅާފައިވާ ފިޔަވަޅުތަކެއްގެ ގޮތުގައި ތެހްރާނުން ސިފަކުރެއެވެ.

ދެ ހަފުތާގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައިވީ ނަމަވެސް، ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ސުލްޙައިގެ މަޝްވަރާތައް ވަނީ ފޭލުވެފައެވެ. 21 ގަޑިއިރަށް ދެމިގެންދިޔަ ފުރަތަމަ ބައްދަލުވުމުގައި އެއްވެސް ކުރިއެރުމެއް ހޯދިފައިނުވާ ކަމުގައި ވޮޝިންގްޓަނުން ބުނި ނަމަވެސް ތެހްރާނުން ބުނީ، ގިނަ ޚިޔާލުތަފާތުވުންތަކަށް ޙައްލު ހޯދިފައިވާ ކަމުގައެވެ. އަދި، ކުރިމަގުގައި ބޭއްވުމަށް ރާވާފައިވާ ވާހަކަތައް ބިނާވާނީ ޒިންމާދާރުކުރުވުމާއި، ބަދަލު ދިނުމާއި، މިފަދަ ޙަމަލާތަކުން ސަލާމަތްވުމުގެ ޔަގީންކަން ލިބުމުގެ މައްޗަށް ކަމުގައި ވެސް އީރާނުން ބުންޏެވެ.