ޚަބަރު

ރެއާލް އާއި ހަވާލުވާން އުޅޭ ވާހަކަ ކްލޮޕް ދޮގުކޮށްފި


ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ހަވާލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

އުމުރުން 58 އަހަރުގެ ކްލޮޕް ބުނެފައިވަނީ ރެއާލް މެޑްރިޑާއި ގުޅުވައިގެން ދެކެވޭ ވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ރެއާލް މެޑްރިޑް އިން އަހަރެންނަށްވެސް އަދި އަހަރެންގެ އެޖެންޓަށްވެސް އެންމެ ފޯނު ކޯލެއްވެސް އައިސްފައެއް ނެތް. އެއީ ކަނޑައެޅިގެން ހުސް ދޮގު. އަދި މިވަގުތު އަހަރެން އެކަމަކާ ނުވެސް ވިސްނަން އަދި ވިސްނަންޖެހޭ ސަބަބެއްވެސް ނެތް." ކްލޮޕް ބުންޏެވެ.

2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ލިވަޕޫލްގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު އޭނާ ވަނީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފަ އެވެ. އަދި 2024 ވަނަ އަހަރު ލިވަޕޫލްގެ ކޯޗު ކަމުން ވަކިވެ ކްލޮޕް ބުނެފައިވަނީ އޭނާ އިނގިރޭސިވިލާތުގެ އެހެން ޓީމަކަށް ކޯޗުކޮށްނުދޭނެ ކަމަށެވެ.

ލިވަޕޫލް އިން ވަކިވުމަށްފަހު ކްލޮޕް މަސައްކަތް ކުރަމުންދަނީ ރެޑްބުލް ގްރޫޕްގެ ގްލޯބަލް ފުޓްބޯލް ހެޑްގެ ޒިންމާ އެވެ.

ޖަރުމަނަށް އުފަން ކްލޮޕް ވަނީ މީގެ ކުރިން މައިންޒްގެ އިތުރުން ބޮރޫޝިޔާ ޑޯޓްމަންޑް އަށްވެސް ކޯޗުކޮށްދީފަ އެވެ.

ޖަރުމަނުގެ ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ކްލޮޕް ބުނެފައިވަނީ އޭނާ އަދި ކޯޗިންއިން ރިޓަޔާ ކުރާ އުމުރަށް ނުދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައްތައް ވާނެ ގޮތެއް އަދި ބުނަން ނޭނގޭނެ ކަމަށެވެ.