އައްޑޫ އަތޮޅު ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލައި ބުރިޖުގެ ކޮންސެޕްޓް ޑިޒައިންނިމި ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވަނީ ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލައި ބުރިޖުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ އައްޑޫ ހުޅުމީދޫ ބްރިޖު ގުޅާލުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމާއި ޑިޒައިންކުރުމާއި ޓެކްނިކަލް ޑޮކިއުމަންޓްސް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި މަސައްކަތް ކުރަމުންދަނީ ޗައިނާގެ ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ ކޮމްޕެނީ ލިމިޓެޑުންނެވެ. އެ ވުޒާރާއިން ވިދާޅުވީ މި މަސައްކަތުގެ ތެރެއިން މައިގަނޑު ދެކަމެއް ދިރާސާކޮށްފައިވާކަމަށެވެ.
އޭގެ ތެރޭގައި ކޭބަލް ކާރުން ގުޅުވާލުމާއި ނުވަތަ ބްރިޖް ކަނެކްޝަނަކުން ގުޅުވާލުން ހިމެނޭކަމަށެވެ. މި ދެކަމުގެ ތެރެއިން އެންމެ އެކަށޭނަ ރޫޓް އެލައިންމަންޓު ނުވަތަ އެހެނިހެން ޓެކްނިކަލް ކަންކަމަށް ބަަލައި ދިރާސާކުރުރުމަށްފަހު އެންމެ އެކަށޭނަގޮތަށް ކަނޑައެޅިފައިވަނީ ބްރިޖްއަކުން ގުޅުވާލުންކަމަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އައްޑޫ -ހިތަދޫ ހުޅުމީދޫ ބްރިޖު މަޝްރޫޢުގެ އަޕްޑޭޓް pic.twitter.com/3vA1pRrOup
— Ministry of Construction, Housing & Infrastructure (@MoCImv) March 25, 2026
އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ، ބްރިޖް އެޅުމަށް މައިގަނޑު 3 ރޫޓެއް ވަނީ ދިރާސާކޮށްފައިކަމަށެވެ. އެ ތިން ރޫޓް އިވެލުއޭޓްކުރުމަށްފަހު އެންމެ އެކަށޭނަ ރޫޓަކަށް ކަނޑައެޅިފައިވަނީ ރޫޓް 2 ކަމަށް ވިދާޅުވިއެވެ.
މި އެލައިންމަންޓުގައި 4 ބްރިޖް ކްރޮސިންއެއް ހިމެނޭކަަމަށާއި މި ކްރޮސިންތަކަށް އެކަށީގެންވަނީ ކޮން ބާވަތެއްގެ ބްރިޖްއެއްތޯ ބެލުމަށްވެސް ޑިޒައިން އެސެސްމަންޓެއް ވަނީ ހެދިފައިކަމަށް ވިދާޅުވިއެވެ.
މި ކްރޮސިންތަކުގެ ފުންމިނާއި ފުޅާ މިނަށް ބެލުމަށްފަހު 3 ކަމެއް ވަނީ ހުށަހަޅާފައެވެ. އެއީ ފްލޯޓިން ބްރިޖް، ކޮންޓިނިއުސް ރިޖިޓް ފްރޭމް ގާޑަރ ބްރިޖް އަދި ކޭބަލް ސްޓެއިޑް ބްރިޖްއެއްތޯކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވަކިން ހާއްސަކޮށް ބްރިޖްގެ ސުޕަރ ސްރަކްޗަރ އަދި ސަބް ސްޓްރަކްޗަރއަށް އެންމެ އެންމެ އެކަށީގެންވާ ޑިޒައިންތައް އެފަރާތުން އަންނަނީ ދިރާސާކޮށް ތަރައްޤީކުރަމުންކަމަށް އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިމަސައްކަތުގެ ކޮންސަލްޓަންސީ މަސައްކަތުގެ ތެރެއިން ތިމާވެށީގެ ބައެއް ދިރާސާތައް ނިންމައި ހިތަދޫ ހުޅުމީދޫ ލިން ބްރިޖްގެ ކޮންސެޕްޓް ޑިޒައިން ވަނީ ތައްތާރުކޮށްފައިކަމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކޮންސަލްޓު ހުށައަޅާފައިވާ ކޮންސެޕްޓް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ޖިއޯ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ކޮންސަލްޓަންޓު އަންނަނީ ތައްޔާރުވަމުންކަމަށާއި ޖިއޯ ޓެކްނިކަލް މަސައްކަތްތައް ކުރިއަށް އޮތް އެއްމަސް ތެރޭގައި ނިންމުމަށް ވަނީ ތާވަލްކޮށްފައިކަމަށްވެސް ވިދާޅުވިއެވެ.
އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހާރު ކުރިއަށްދާ ކޮންސަލްޓަންސީގެ ދަށުން ފީސިބިލިޓީގެ ޑޮކިއުމަންޓު، ޕްރިމިނަލަރީ ޑިޒައިން އަދި ޓެންޑަރ މަރުހަލާއަށް ބޭނުންވާ ޓެކްނިކަލް ލިޔެކިޔުންތައް މިއަހަރުގެ ޖޫންމަހަށް ނިންމާލުމަށް ތާވަލުކޮށްފައިވާކަމަށެވެ.