ޚަބަރު

ހަނގުރާމަ ނިންމާނެ އިރެއް ކަނޑައަޅާނީ އީރާނުން، ޓްރަމްޕެއް ނޫން


ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ޔަހޫދީންނާއި އެމެރިކާއިން ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ގޮތް ނިންމާނީ އެމެރިކާއިން ނޫން ކަމަށް އީރާނުން ބުނެފިއެވެ.

ޔަހޫދީންނާއި އެމެރިކާގެ ޙަމަލާތަކުގައި އީރާނުގެ އޭރުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚަމަނާއީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޤައުމުގެ ސަރުކާރުގެ ގިނަ ޢަދަދެއްގެ އިސް ވެރިން ވަނީ ޝަހީދުކޮށްލައިފައެވެ. ޙަމަލާތަކުގެ ބަދަލުގައި އީރާނުން ވެސް ދަނީ އަމިއްލަ ދިފާޢުގައި ވަރުގަދަ ރައްދު ޙަމަލާތައް ދެމުންނެވެ. އެ ގޮތުން ޔަހޫދީ ދައުލަތަށާއި މެދުުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މުދަލަށް އީރާނުން ދަނީ ޙަމަލާތައް ދެމުންނެވެ. ކުޑަ ދުވަސްކޮޅަކަށް ދެމިގެންދާނެ ކަމަށް ބެލެވުނު ހަނގުރާމަ މިހާރު ވަނީ 25 ދުވަހަށް ދެމިގެން ގޮސްފައެވެ. އަދި ހަނގުރާމައިގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ. މީން ޒަމާނަކު ނުއުފުލޭ ވަރަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެސް ވަނީ އުފުލިފައެވެ.

ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާއިން ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ. ނަމަވެސް އީރާނުން އެ ހުށަހެޅުންތަކަށް މަރުހަބާ ކިޔައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ ހަނގުރާމަ ހުއްޓޭނީ އީރާނުން އެ ހަނގުރާމަ ނިންމައިލުމަށް ނިންމުމުން ކަމަށާއި، އީރާނުން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވުމުން ކަމަށް ބުނެފައެެވެ. ހަނގުރާމަ ހުއްޓާނެ އިރެއް ނިންމުމުގެ ބާރު އީރާނުން އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕްއަށް ނުދޭނެ ކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފައެވެ. އަދި އީރާނުން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވަންދެން ދުޝްމަނުންނަށް ވަރުގަދަ ޙަމަލާތައް އަމާޒުކޮށް ގެއްލުންތައް ދެމުންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އީރާނުގެ ސަރުކާރުގެ އިސް ފަރާތަކުން ބުނީ ޚާރިޖީ މަގުތައް މެދިވެރިކޮށް މަޝްވަރާ ކުރުމަށް އެމެރިކާއިން އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމެރިކާއިން ހުށަހަޅަމުންދާ ހުށަހެޅުންތަކަކީ ޙާލަތާ ނުބައްދަލު، މާ “ބޮޑެތި” ހުށަހެޅުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުށަހެޅުންތަކަކީ ހަނގުރާމައިގެ މައިދާނުގައި ބަލިވަމުންދާ ބަޔަކު ހުށަހަޅާނެ ފަދަ ހުށަހެޅުންތަކެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

އޭނާ ވަނީ ފާއިތުވި އަހަރުގެ ތެރޭގައި ދެ ބުރެއްގެ މަތިން އެމެރިކާއާއެކު ބާއްވާފައިވާ މަޝްވަރާތަކާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެ މަޝްވަރާތަކަކީ އެމެރިކާއިން ލޮލުގައި އަޅުވި އަނދުނެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. ދެ ފަހަރު ވެސް އެމެރިކާއިން މަޝްވަރާތަކުގައި ބައިވެރިވީ ޙައްލެއް ހޯދުމުގެ ނިޔަތުގައި ނޫން ކަމަށާއި، މަޝްވަރާތަކަށް ފަހު އީރާނާ ދެކޮޅަށް އަސްކަރީ ޙަަމަލާތައް ދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާއިން އެންމެ ފަހުން ދައްކާފައިވާ ވާހަކަތަކަކީ ވެސް މި ފަދަ އޮޅުވައިލުމެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުން ވަނީ އެ ޤައުމުން ހަނގުރާމަ ހުއްޓައިލުމަށް ކުރާ ފަސް ޝަރުުތު ކަނޑައަޅައިފައެވެ. އެ ގޮތުން ފުރަތަމަ ޝަރުތުގެ ގޮތުގައި ބުނެފައި ވަނީ އީރާނަށް ދެމުންދާ ޢުދުވާނީ ޙަަމަލާތަކާއި މީހުން ޝަހީދުކުރުން އެއްކޮށް ހުއްޓައިލަން ޖެހޭނެ ކަމަށެވެ. އަދި އީރާނާ ދެކޮޅަށް އިތުރު ޙަމަލާއެއް ނުދޭނެ ކަން ޔަޤީން ކުރާނެ ނިޒާމުތަކެއް ޤާއިމްކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ހަނގުރާމައިގައި ލިބުނު ގެެއްލުމުގެ ބަދަލުދީ ޤައުމު އަލުން އާރާސްތުކޮށްދިނުން ވެސް ޝަރުތުކޮށްފައިވެއެވެ. އަދި ހަނގުރާމައިގައި ޝާމިލުވާ އެންމެހާ ސަރަޙައްދީ ޖަމާޢަތްތަކާ ދެމުންދާ ޙަމަލާތައް ވެސް ހުއްޓައިލުމަށް އީރާނުން ޝަރުތުކުރެެއެވެ. ހަމައެއާއެކު ހުރުމުޒު ކަނޑުއޮޅީގެ މައްޗަށް އޮންނަ އީރާނުގެ އިސްތިޤުލާލީ ހައްޤު ބައިނަލްއަޤްވާމީ ސިފައެއްގައި ބަލައިގަތުމާއި ގެރެންޓީ ދިނުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

އީރާނުގެ ފަރާތުން ވާހަކަދެއްކި އޮފިޝަލް ވިދާޅުވީ މި ޝަރުތުތަކަކީ މީގެ ކުރިން، ޖެނީވާގައި ބޭއްވި މަޝްވަރާތަކުގެ ދެވަނަ ބުރުގައި އީރާނުން ކޮށްފައިވާ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ކަމަށެވެ. އެ މަޝްވަރާތައް ކޮށްފައި ވަނީ ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދޭން ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު އީރާނުން އިތުރަށް އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފައެވެ.