ސަރުކާރުން ހުޅުވާލާފަވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް މިހާތަނަށް 9500އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިމަރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހާތަނަށް ޖުމުލަ 9645 މީހުން ފޯމު ހުށައަޅާފަވާކަމަށެވެ. މީގެތެރޭގައި ގިނަ މީހުން ފޯމު ހުށައަޅާފަވަނީ ފްލެޓަށް އެދިއެވެ. ފްލެޓަށް އެދި 5993 މީހުން މިހާތަނަށް ފޯމު ހުށައަޅާފަވެއެވެ. އަދި ގޯއްޗަށް އެދި 3234 މީހުން ވަނީ ފޯމު ހުށައަޅާފައެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ޖުމުލަ 9227 ފޯމު ވަނީ ހުށައަޅާފައެވެ.
ދެން ހިމެނެނީ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ކުރިމަތިލެވޭގޮތަށް ހުޅުވާލަފަވާ "ގޯތި ގެދޮރު" ޕްރޮގްރާމެވެ. އެ ކެޓަގަރީއިން މިހާތަނަށް 418 ފޯމު ވަނީ ހުށައަޅާފައެވެ. މިއާއެކު ޖުމުލަ 9645 ފޯމު މިހަތަނަށް މިވަނީ ހުށައަޅާފައިވެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ޑްރާފްޓް މަރުހަލާގައި 13،279 ފޯމު އެބައިންކަމަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެދަށުން މިހާތަނަށް، ހުޅުވާލާފައި މިވަނީ މި ސްކީމްތަކަށެވެ.
އަދި އިތުރު 2 ޕްރޮގްރާމަކަށް އޭޕްރިލް މަހުގެ 1ވަނަ ދުވަހު ހުޅުވާލާނެއެވެ. އެއީ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ "ގެދޮރުވެރިޔާ" ޕްރޮގްރާމްގައި ހިމެނޭ 2 ކެޓަގަރީއާކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމަކީ ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެތެރެއިން، ވަކިން ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ދޭ ފުރުޞަތެކެވެ. ދެން ހިމެނެނީ ސަރުކާރުން ހިންގާފަވާ އަސަސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކުގެ ކެޓަގަރީއެވެ.
މި ކެޓަގަރީތަކަށް ފޯމު ހުށައެޅުމަށް ހުޅުވާލާނީ އޭޕްރިލް މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.
ސަރުކާރުން މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ ސްކީމްތަކަށްވެސް ކުރިމަތިލެވޭނީ އޭޕްރިލް މަހުގެ ނިޔަލަށެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންގެ ކެޓަގަރީ ހިމެނެއެވެ. ފޯމު ހުށައެޅޭނީ "ބޯހިޔާވަހިކަން" ހައުސިން ޕޯޓަލް މެދުވެރިކޮށެވެ.