ޚަބަރު

އިންޑިއާގެ 4 ސިޓީއެއްގައި ބާއްވާ ރޯޑްޝޯ ވިޒިޓް މޯލްޑިވްސްއިން އެންޑޯޒްކޮށްފި


  • މި ރޯޑްޝޯ އިންތިޒާމްކުރަނީ އިންޑިއާގެ ޓުއަރ އޮޕަރޭޓަރެއްކަމަށްވާ "ޓާޓާބައި ޓުއާސް" އިން

  • މި ހަރަކާތުގައި ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާނެ

އިންޑިއާގައި ބާއްވާ "ޓާޓާބައި މޯލްޑިވްސް ފޯ-ސިޓީ ރޯޑްޝޯ" ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރަސްމީކޮށް އެންޑޯޒްކޮށްފިއެވެ. މި ރޯޑްޝޯއަކީ "ޓާޓާބައި ޓުއާސް" އިން އިންތިޒާމުކޮށްގެން ބާއްވާ ރޯޑްޝޯއެކެވެ.

ޓާޓާބައި ޓުއާސްއަކީ ރާއްޖެއަށް އެންމެ ގިނަ އިންޑިއާ ފަތުރުވެރިން ފޮނުވުމުގައި އެހީތެރިވެދޭ އެއް ކުންފުންޏެވެ. އިންޑިއާގެ އެކި ސިޓީތަކަށް އަމާޒުކޮށްގެން ހިންގާ މި ހަރަކާތަކީ އިންޑިއާގެ މާކެޓުގައި ރާއްޖެއަށް އަމާޒުކޮށްގެން ބޭއްވުމަށް ރާވާފައިވާ އެންމެ ބޮޑު އެއް ރޯޑްޝޯއެވެ. މި ހަރަކާތުގައި ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާނެއެވެ.

މި ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 އިން އޭޕްރީލް މަހުގެ 4 އަށް، ހުޅަނގު އިންޑިއާގެ މުހިންމު ހަތަރު ސިޓީއެއް ކަމަށްވާ އަހުމަދުއާބާދު، ވަޑޯދަރާ، ސޫރަތު އަދި ޕޫނޭގައެވެ. މިއިން ކޮންމެ ސިޓީއެއްގައިވެސް ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކަށް ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމާއި، ރާއްޖޭގެ މަންޒިލްތަކާ ބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކާއި އިންޑިއާގެ ޓްރެވަލް ޕްރޮފެޝަނަލުންނާ ދެމެދު ބަދަހި ގުޅުމެއް ގާއިމުކުރުމެވެ. މީގެ އިތުރުން، މި ރޯޑްޝޯގެ ތެރެއިން ވަން-އޮން-ވަން ބައްދަލުވުންތަކާއި، ނެޓްވޯކިންގ ސެޝަންތަކާއި، ރާއްޖެއާ ބެހޭ ޕްރެޒެންޓޭޝަންތައް ކުރިއަށްދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ މައިސް، ލަގްޒަރީ، ރޮމޭންސް، ވެލްނެސް، ޑައިވިންގ އަދި ކަނޑުއަޑީގެ ތަފާތު ތަޖުރިބާތައް އިސްތިހާރުކުރުމަށް މަގުފަހިވާނެއެވެ.

ޓާޓާބައި ޓުއާސްއަކީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި އިންޑިއާގެ މާކެޓުގައި ރާއްޖޭގެ ރިސޯޓުތަކަށް ޚިދުމަތްދޭ އެންމެ އިތުބާރުހުރި އެއް ކުންފުނީގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ފަރާތެކެވެ. ރާއްޖޭގެ 130 އަށްވުރެ ގިނަ ރިސޯޓާއެކު ސީދާ އެއްބަސްވުންތައް އޮންނަ މި ކުންފުންޏަކީ އިންޑިއާގެ މާކެޓަށް އެންމެ އެކަށޭނަ އަގުތަކާއި، ވަގުތުން ލިބެން ހުންނަ ޖާގަތަކާއި، ޚާއްޞަ އޮފާތައް ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ.

ވިޒިޓް މޯލްޑިވްސްއިން ޓާޓާބައި ޓުއާސްއަށް މި ދިން ރަސްމީ އެންޑޯޒްމަންޓަކީ، ރާއްޖެއަކީ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރުމަށާއި، ދާއިރާގެ ބައިވެރިންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުންޏަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. މިފަދަ ރޯޑްޝޯތަކަކީ އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ މުހިންމު ބައެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.