ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ރަައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ރޭވުން ދިރާސާ ކުރަމުންދާ ކަން އީރާނުން ކަށަވަރުކޮށްދީފިއެވެ. ޓްރަމްޕް އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވީ ފެބުރުވަރީ 28ވަނަ ދުވަހުއެވެ. ނަމަވެސް، އީރާނުން ދެމުންދާ ވަރުގަދަ ރައްދު ޙަމަލާތަކާއި، ހަނގުރާމައާ ގުޅިގެން ދުނިޔެއާއި އެމެރިކާގެ އިޤުތިޞާދަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން ޓްރަމްޕް މިހާރު ގެންދަވަނީ ހަނގުރާމަ ނިމުމަކަށް ގެނެސް، އީރާނާއެކު ސުލްޙަވުމަށް މަސައްކަތް ކުރައްވަމުންނެވެ.
މި ގޮތުން، ޓްރަމްޕް ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް އީރާނަށް ހުށަހަޅުއްވާފައެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރަމުންދާ ކަމުގައި އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް، އެ ދަޢުވާއަށް އިންކާރުކުރައްވައި ވާހަކަފުޅު ދައްކަވަމުން އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، މެދުވެރިންގެ އެހީތެރިކަމާއެކު ދެ ފަރާތުގެ ދެމެދުގައި މެސެޖު ބަދަލުކުރުމަކީ މަޝްވަރާކުރުން ނޫން ކަމުގައެވެ. "އެމެރިކާގެ މެސެޖުތަކުގައި ހުރި ޚިޔާލުތައް [އީރާން ސަރުކާރުގެ] އިސްވާރުންނަށް ވާނީ ހިއްސާކޮށްފައި. އޭގެ މައްޗަށް ބިނާކޮށް ރަސްމީ ނިންމުމެއް އިޢުލާންކުރައްވާނީ އެ ބޭފުޅުން،" އެމެރިކާގެ ހުށަހެޅުން ދިރާސާކުރަމުންދާކަން ކަށަވަރުކޮށްދެއްވައި އޭނާ ވިދާޅުވިއެވެ.
ޕާކިސްތާން މެދުވެރިކޮށް ޓްރަމްޕް ފޮނުއްވި މި ހުށަހެޅުމުގައި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓައިލުމަށާއި، ބެލިސްޓިކް މިސައިލް ޕުރޮގުރާމު މަޑުޖައްސައިލުމަށް ޝަރުޠުކޮށްފައިވެއެވެ. އީރާނުން ބާރުއަޅަމުން ދަނީ ސުލްޙައިގެ އެއްބަސްވުމުގައި ލުބްނާން ވެސް ހިމަނައި، އެ ޤައުމުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވެސް ހުއްޓުމަކަށް ގެނައުމަށެވެ. އީރާންގެ ރައްދާ ގުޅޭ ގޮތުން ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވަނީ، ޓްރަމްޕް ހުށަހަޅުއްވާފައިވާ ކަންކަމަށް ތެހްރާނުން އެއްބަސްނުވެއްޖެ ނަމަ، އީރާނަށް ވަރުގަދަ ޙަމަަލާތަކެއް ދޭނެ ކަމުގައި އިންޒާރު ދެއްވާފައެވެ. ޔަހޫދީންގެ ހީލަތްތެރި ނިޔަތަކީ މަޑުޖެހުމެއް ނެތި ހަނގުރާމަ ކުރިއަށް ދިޔުމެވެ.
ޔަހޫދީންނާ ގުޅިގެން އެމެރިކާއިން މިހާރުވެސް ދަނީ އީރާންގެ ވެރިރަށް ތެހްރާނާއި ޢާންމުން ދިރިއުޅެމުންދާ އެހެން ރަށްތަކަށް ބޮންއަޅަމުންނެވެ. އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ އެޑްމިރަލް ބްރެޑް ކުޕަރ ވިދާޅުވީ އީރާންގެ 10,000 އަށްވުރެ ގިނަ އަމާޒަށް ޙަމަލާދީފައިވާނެ ކަމުގައެވެ. އަދި، އީރާންގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކާއި އުޅަނދުފަހަރުގެ %92 ސުންނާފަތިކޮށްލާފައިވާނެ ކަމަށާއި، މިސައިލާއި އަސްކަރީ ޑްރޯން އުފެއްދުމުގެ ޤާބިލުކަން ވެސް ބަލިކަށިކޮށްލާފައިވާނެ ކަމުގައެވެ. އީރާނުން ވެސް ދަނީ ރައްދުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ޞަހްޔޫނީ ދައުލަތަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.