ޚަބަރު

ޚިޔާލު ހޯދުމުގެ ވޯޓު: ބާ ކައުންސިލުގެ ޚާއްސަ ފޯރަމް މާދަމާ


  • ޤާނޫނީ އަދި ގަވަރނަންސް ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން މައުލޫމާތު ދެއްވާނެ

  • އާންމުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

އަންނަ މަހު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭ މައުލޫމާތު ދިނުމަށް ބާ ކައުންސިލުން ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

ބާ ކައުންސިލުން ކުރިއަށްގެންދާ ފޯރަމަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭގޮތުން ޤާނޫނީ އަދި ދުސްތޫރީ ނަޒަރިއްޔާތުން ކަންކަން އޮތްގޮތް ރައްޔިތުންނަށް ކިޔައިދިނުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމުގައި ވޯޓަށް ހުށަހަޅާފައިވާ ސުވާލާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ޕެނަލިސްޓުން މައުލޫމާތު ހިއްސާކުރާނެއެވެ.

މާދަމާ ހަވީރު 4:00ން 6:00އަށް އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ކުރިއަށްގެންދާ މި ފޯރަމަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ފޯރަމެކެވެ. އެހެންކަމުން، ވީހާވެސް ގިނަ ފަރާތްތަކުން މި ފޯރަމުގައި ބައިވެރިވުމަށް ބާ ކައުންސިލުން އެދެއެވެ. އެކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ފޯރަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛް ހުސައިން ސިރާޖު ވިދާޅުވީ މިފަދަ ފޯރަމެއް ބާއްވަން އެ ކައުންސިލުން ނިންމީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އެ ކައުންސިލަށް މަތިކުރުވާފައިވާ ޒިންމާއަކަށްވާތީ ކަމަށެވެ.

"ޤާނޫނީ ފަންނުގެ ޤާނޫނުގައި ވާގޮތުން ބާ ކައުންސިލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއް ރައްޔިތުންނާ ގުޅުންހުރި މުހިންމު ދުސްތޫރީ ނުވަތަ ޤާނޫނީ ކަންކަމުގައި ރައުޔު ހާމަކުރުން ނުވަތަ މައުލޫމާތު ދިނުމަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭގޮތުގައި މިފަދަ މުހިންމު ސުވާލުތަކަށް މައުލޫމާތު ފޯރުކޮށްދެވޭފަދަ ކަމުގެ ތަޖުރިބާހުރި ޢިލްމީ ބޭފުޅުން މެދުވެރިކޮށް އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން،" ސިރާޖު ވިދާޅުވިއެވެ.

މި ފޯރަމުގައި ޕެނަލިސްޓުންގެ ގޮތުގައި ޤާނޫނީ އަދި ގަވަރނަންސްގެ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޢިލްމީ ޤާބިލު ބޭފުޅުން ބައިވެރިވެއެވެ. އެގޮތުން، މި ފޯރަމުގައި މައުލޫމާތު ދެއްވާނީ ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް އާއި ކުރީގެ ބަންޑާރަނައިބުން ކަމަށްވާ އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރާއި އަލްއުސާތާޛާ ފާތިމަތު ދިޔާނާ ސަޢީދު އާއި ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަހުމަދު މުޢިއްޒުގެ އިތުރުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި އަލްއުސްތާޛް ޝާހީން ހަމީދާއި ޤާނޫނީ ދާއިރާގެ ސްކޯލަރެއް ކަމުގައިވާ ޑރ. ޝަމްސުލް ފަލާހެވެ.

ފޯރަމުގައި މޮޑަރޭޓަރު ކުރައްވާ ސުވާލުތަކުގެ އިތުރުން އާންމުންނަށްވެސް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ބާ ކައުންސިލްގެ ރައީސް ސިރާޖު ވިދާޅުވިއެވެ. އަދި ފޯރަމުގައި މަޝްވަރާ ކުރެވޭ ކަންކަން އާންމުންނަށް ފެންނަން ހުންނާނެހެން ބާ ކައުންސިލްގެ ވެބްސައިޓުގައި އާންމު ކުރެވޭނެ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.