ޚަބަރު

އިންޓަރ މަޔާމީގެ ދަނޑުގެ ސިޑިބަރިއަކަށް މެސީގެ ނަން ދީފި


އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީގެ ނަމުން އެ ކްލަބުގެ އައު ސްޓޭޑިއަމްގެ ސްޓޭންޑް އަކަށް ނަން ދީފި އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރެވޭ އުމުރުން 38 އަހަރުގެ މެސީ އިންޓަރ މަޔާމީ އާއި ގުޅިފައިވަނީ ފްރާންސްގެ ޕީއެސްޖީ އިން 2023 ވަނަ އަހަރު އެވެ.

މެސީގެ ނަން އިންޓަރ މަޔާމީގެ ސްޓޭޑިއަމްގެ ސްޓޭންޑަކަށް ދިނުމަށްފަހު އެ ކްލަބުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާންމުގޮތެއްގައި ފުޓްބޯޅައިގައި މިފަދަ ކަންތައްތަކަކީ ކުޅުންތެރިން ކްލަބަށް ހޯދަދީފައިވާ ކާމިޔާބީތަކަށްފަހު މާ ފަހުން ކުރާ ކަމެއް ނަމަވެސް އެ ކްލަބުގެ ނިންމުން ތަފާތު ކަމަށެވެ.

"އާންމުކޮށް މިފަދަ ކަންތައްތަކަކީ ކުޅުންތެރިން ރިޓަޔާ ކުރުމުން ކުރާ ކަންތައްތަކެއް. ނަމަވެސް މި ކްލަބުން ނިންމީ އެކަން ބަދަލުކޮށް މެސީގެ ދަނޑަށް ނިކުންނަ ކޮންމެ ވަގުތަކީ މެސީގެ ސްޓޭންޑް ފެންނަން." އިންޓަރ މަޔާމީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

"ކުޅުންތެރިއެއްގެ އަގު ވަޒަންކުރާނީ އެ ކުޅުންތެރިއަކު ކުޅުން ހުއްޓާލާ ރިޓަޔާ ކުރުމަކުން ނޫން. ބައެއް ފަހަރު އެ ފަރާތްތަކަށް ތަފާތު އިހުސާސް ކުރެވޭނެފަދަ ގޮތަކަށްވެސް އަގުވަޒަން ކުރަން ވާނެ." މަޔާމީގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އިންޓަރ މަޔާމީ އިން އަލަށް ބިނާ ކުރި އެންޔޫ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗަކީ އަންނަ އެޕްރިލް މަހުގެ 4 ވަނަ ދުވަހު އޮސްޓިން އެފްސީ އާއި ދެކޮޅަށް ކުޅޭ މެޗެވެ.

އިންޓަރ މަޔާމީގެ ސްޓޭޑިއަމްގެ ސްޓޭންޑަކަށް މެސީގެ ނަން ދީފައިވާއިރު އޭނާ ކުޑައިރު ކުޅުން އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއިޒްގެ ސްޓޭޑިއަމްގެ ސްޓޭންޑަކަށްވެސް ވަނީ މެސީގެ ނަން ދީފަ އެވެ.

މެސީ ވަނީ އިންޓަރ މަޔާމީ އާއި ގުޅުމަށްފަހު މިދިޔަ ސީޒަނުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް މެޖަރ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި ޖެހިޖެހިގެން ދެވަނަ ފަހަރަށް މޭޖަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް މެސީ ވަނީ ހޯދާފަ އެވެ.