ޚަބަރު

ޔޫއޭއީއާއި ޤަތަރުގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ޔޫކްރެއިނާއެކު އެއްބަސްވުމެއް


މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ޤަތަރުގެ އަސްކަރީ ވައިގެ ދިފާޢީ ނިޒާމު ވަރުގަދަކުރަން ޔޫކްރެއިނާ އެކު މުޙިއްމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޔޫއޭއީ އާއި ޤަތަރުގެ އިތުރުން، ޒެލެންސްކީގެ މި ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާ އާއެކު ވެސް ވަނީ އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.

މި އެއްބަސްވުންތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި އީރާނުން ގަލްފުގެ ޤައުމުތަކުގެ ދެމުންދާ ޑްރޯން ޙަމަލާތަކުން ދިފާޢުވުމަށް އެހީތެރިވުމެވެ.

މިގޮތުން، ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާގެ ޑްރޯން ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނުން ހޯދާފައިވާ ފަންނީ ޤާބިލުކަމާއި އަސްކަރީ ވަޞީލަތްތައް ފޯރުކޮށްދިނުމެވެ.

މީގެއިތުރުން، ދިފާޢީ ނިޒާމު ވަރުގަދަ ކުރުމުގައި އެހީތެރިވުމަށް އެ ތިން ޤައުމަށް ޔޫކްރެއިނުގެ ފަންނީ މާހިރުން ފޮނުވުން ވެސް މި އެއްބަސްވުންތަކުގައި ހިމެނެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އީރާނުގެ ޑްރޯން ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނުން ހުށަހަޅާފައިވަނީ މާ އަގުހެޔޮ ޙައްލެކެވެ.

މިގޮތުން، އީރާނުގެ ޑްރޯން ޙަމަލާތަކުން ދިފާޢުވާން ގަލްފު ޤައުމުތަކުން މިހާރު ބޭނުންކުރާ ޕޭޓްރިއަޓް އަދި ތާޑް މިސައިލެއްގެ އަގު ހަތަރު މިލިއަން ޑޮލަރަށް އަރާއިރު، ޔޫކްރެއިނުން ހުށަހަޅާ އެ ޙައްލުން އެ ޚަރަދު 2،000 ޑޮލަރަށް ތިރިވާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެ ފަންނީ ޤާބިލުކަމަކީ، 2022ވަނަ އަހަރުން ފެށިގެން ރަޝިޔާއިން ކޮންމެ ދުވަހަކު ޔޫކްރެއިނަށް ދެމުންދާ ޑްރޯން ޙަމަލާތަކުން ދިފާޢުވުމުގައި ޔޫކްރެއިނުން އުފައްދާފައިވާ އީޖާދެކެވެ.

މި މަހުގެ 18ވަނަ ދުވަހު ޒެލެންސްކީ ވިދާޅުވެފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން، 200އަށް ވުރެ ގިނަ ޔޫކްރެއިނުގެ ފަންނީ މާހިރުން ގަލްފުގެ އެކި ޤައުމުތަކުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.

ޔޫކްރެއިނުން މި އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކީ ޑްރޯން ޙަމަލާތަކުން ދިފާޢުވުމަށް ގަލްފުގެ ޤައުމުތަކުން ބޭނުންކުރަމުންދާ ޕޭޓްރިއަޓް މިސައިލްތަކުގެ ސްޓޮކް މަދުވުމުގެ ކަންބޮޑުވުމަށް ޙައްލެއް ހޯދުމެވެ.

އެއީ، ރަޝިޔާގެ ބެލިސްޓިކް މިސައިލް ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނަށް ޕޭޓްރިއަޓް މިސައިލް ބޭނުންވާތީކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.