ރާއްޖެއަށް މުދާ އެތެރެ ކުރުމަށް އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އޭގެ ކާމިޔާބީތައްވެސް ފެންނަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް މިކަމުން ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަސާސީ ކާބޯތަކެއްޗާއި އެނޫންވެސް ބާވަތްތައް ލިބޭނެކަން ކަށަވަރު ކުރެއްވުމަށްޓަކައި ދަނީ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، 4 މާރިޗުން ފެށިގެން ޔޫއޭއީން ރާއްޖެއަށް ކޮންމެވެސް ވަރަކަށް ޑައިރެކްޓް ފްލައިޓްތައް ފަށާފައިވާ ކަމަށެވެ. އެ ޤައުމުން އަންނަ ކާގޯވެސް އިތުރުވަމުން އަންނަ ކަމަށެވެ. ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރާ މުދަލަށް އަދި މާބޮޑު އަސަރެއް ކޮށްފައިނުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ ޤައުމުތައް ބަލައި އެހެން މާކެޓްތައްވެސް ދިރާސާ ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށްވުރެ ބާރަށް ކުރިއަށް ގެންދަމުންދާއިރު އެކަމަށް ކުރިއެރުންތައް ލިބެމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ރާއްޖެއަށް އެންމެ ގިނައިން އަސާސީ މުދާ އެތެރެ ކުރާ ޤައުމުތަކަށް ބަލައި އެ ބާވަތްތައް އެހެން މާކެޓްތަކުން އެތެރެ ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން. އޭގެތެރޭގައި އިންޑިއާ، ޗައިނާ، ތައިލޭންޑް، މެލޭޝިއާ، ވިއެޓްނާމް، އިންޑޮނޭޝިއާ ފަދަ ޤައުމުތައް ހިމެނޭ. އޭގެތެރޭގައި މިވަގުތު އަޅުގަނޑުމެންނަށް ވިޔަފާރީގެ ގުޅުންތައް މާބޮޑަށް ޤާއިމްކުރެވިފައި ނެތް ބައެއް މާކެޓްތަކާއިއެކު މިދަނީ މިހާރުން މިހާރަށްވެސް ސަރުކާރުން އެ ފަރާތްތަކާއި ވާހަކަ ދައްކައިގެން ގުޅުންތައް ޤާއިމް ކުރުމުގެ މަސައްކަތްތައް ކުރަމުން." ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ ދަށުން މުދާ އުފުލޭނެ އައު މަގުތަކެއް މި މާކެޓްތަކުން އުފެދިގެން އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ވަޒީރު ސަޢީދު ވިދާޅުވީ، އިމާރާތް ކުރުމުގެ ސިނާޢަތައް ދިމާވެފައިވާ ދަތިތައްވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މި ސިނާޢަތައް ދިމާވެފައިވާ ގޮންޖެހުންތައް އޮޅުންފިލުވާފައިވާ ކަމަށެވެ.
އެސްޓީއޯ މެދުވެރިކޮށް ކަނޑުމަގުން ދަތުރު ކުރާ ބޯޓުތައް އޮޕަރޭޓް ކުރާ ފަރާތްތަކާއިއެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ އަސާސީ މުދަލުގެ ކަށަވަރުކަން ޤާއިމްކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބޭރު ދުނިޔޭގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައްވެސް ވަރަށް ގާތުން ބަލާ މޮނިޓަރ ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.