ޚަބަރު

ވައިގެ މަގުން އެތެރެކުރި 2 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި


  • އަތުލައިގަތީ ސިންތެޓިކް ކެތިނޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެއް

  • މަގުމަތީގެ އަގު 3.9 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް އަރާ

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 2 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ. އެތަކެތި އަތުލައި ގަނެފައިވަނީ، މިމަހުގެ 4 ވަނަ ދުވަހުއެވެ. ކަސްޓަމްސްއިން އަތުލައިގަނެފައިވާ މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 3.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާ ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރަމުންނެވެ.